އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ
އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ
ސިޔާސީ ޕާޓީތަކަށް މީހުން ވައްދާއިރު ހެކިވެރިން ސޮއިކުރަންޖެހޭނީ ފޯމުގެ ވެރިފަރާތުގެ ހާޟިރުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަބްދުއްރަހުމާން ޞަލާހު ރަޝީދާއި ޙަވާލާދީ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި މިއަދު ރިޕޯޓް ކޮށްފައިވަނީ، ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދޭ ފޯމުގައި ބަޔާންކޮށްފައިވަނީ، ފޯމު ފުރާމީހާގެ ހެކިވެރިން ސޮއިކުރަންޖެހޭނީ ފޯމުގެ ވެރިފަރާތުގެ ހާޟިރުގައި ކަމަށެވެ.

ހަމައެއާއެކު ޞަލާހު ވިދާޅުވީ ފޯމުގެ ވެރިފަރާތުގެ ހާޟިރުގައި ހެކިވެރިން ސޮއިކުރަން އޮންނަނީ ދިމާވެދާނެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމުން ފޯމުގެ ސައްހަކަން ކަށަވަރު ކުރުމަށް އިތުރު ބާރެއް ލިބޭކަމަށް ޞަލާޙް ވިދާޅުވިއެވެ.

“ކޮމިޝަނުގެ ވިސްނުމަކީ އެއީ އެމީހާގެ ހާޟިރުގައި ކުރާ، އެމީހާކަން ކަށަވަރު ކުރަންވެގެން ލާފައި އިންނަ ބައެއް އެއީ. އެ ނޫން ގޮތަކަށް އަޅުގަނޑަކަށް މާނައެއް ނުކުރެވޭ.” ޞަލާޙާއި ޙަވާލާދީ އޮންލައިން މީޑިއާގައި ރިޕޯޓް ކޮށްފައިވެއެވެ.

އީސީން މިހެން ބުނެފައިވާއިރު މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީއަކަށް މީހަކު ވައްދަން ފުރަންޖެހޭ ފޯމުގައި ހެކިވެރިޔާ ސޮއިކުރަނީ ފޯމުގައި ހުރި މައުލޫމާތަށް ހެކިވުމަށް ކަމަށެވެ. އަދި ފޯމުގައި ހުރި މައުލޫމާތަށް އޭނާ ހެކިވާނަމަ ފޯމުގެ ވެރިފަރާތުން އެތަނުގައި ހުރުން މަޖުބޫރުކަމަށް ނުބެލެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު ސިޔާސީ ޕާޓީއަށް ވަނުމަށް އެދޭ ފޯމުގައި ހެކިންގެ ބައިގައި އޮންނަނީ ފޯމުގައި ހިމެނޭ މީހާ ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ސޮއިކޮށްފައި އެވަނީ ހެކިންގެ ޙާޟިރުގައި ކަމަށް އިގުރާރުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން