ހުޅުމާލެ
ހުޅުމާލެ
ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންގެ ދަފްތަރު އެކުލަވާލުން ލާޒިމްކޮށް، ބޯހިޔާވަހިކަމުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިބިލު ހުށައެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.

އަސްމާ ހުށައެޅުއްވި މިބިލުގައި ދަޢުލަތުން ދިރިއުޅެވޭނެ ތަންތަން ހަމަޖައްސައިދިނުމުގައި ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އިސްކަންދޭން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލަން ލާޒިމްކޮށްފައިވެއެވެ.

ހަމައެއާއެކު ބިލަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދަން ޖެހޭނެ ކަމަށްވެސް ބިލްގައިވެއެވެ.

އަދި ހަމައެހެންމެ މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް އާއިލާތަކަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އުސޫލުތައް ބިލުގައިވަނީ ބަޔާންކޮށްފައެވެ.

އޭގެއިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ފަރާތްތައް އެމަޝްރޫއުތައް ހިންގަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރުކުރުމަށްޓަކައި އެފަދަ މަޝްރޫއުތައް ހިންގާ ފަރާތްތައް ރަޖިސްޓްރީކުރުމުގެ އުސޫލުތަކާއި އެ ފަރާތްތަކުގެ އަސާސީ ޒިންމާތައް ކަނޑައެޅުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހުއްދަ ދިނުމާއި މަޝްރޫއު ހިންގުމާގުޅޭ އުސޫލުތައް ބިލުގައި ކަނޑައަޅާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ތައާރަފުކޮށް ބިލުގެ ބަހުސް ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން