މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފުލުހުންގެ ފްލެޓުތައް އިމާރާތް ކުރުމުގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުން ހޯދާފައިވާ މުދާތައް ދައުލަތަށް ނެގުމަށް ހުށަހެޅުމަށް ނިންމައިފިއެވެ.

ފުލުހުންގެ ފްލެޓް ޢިމާރާތް ކުރުމުގައި ހިންގާފައިވާ ޚިޔާނާތްތައް ބެލުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެކުލަވާލާފައިވާ ސަބްކޮމިޓީގެ ރިޕޯޓް މިއަދު ވަނީ މާލިއްޔަތު ކޮމިޓީއަށް ޙިއްސާކޮށްފައެވެ.

އެގޮތުން މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ ފުލުހުންގެ ފްލެޓުތަކުގެ މަސައްކަތް ނުނިންމިގެން މަސައްކަތް ނިންމުމަށް ދެވަނަ އަށް ހަވާލުކުރި އައިލެންޑް އެކްސްޕާޓަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ފުލުހުންގެ ބޯޑުން ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

އަދި މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއި ގުޅިގެން އެކުންފުނި އަތުން އެ މަސައްކަތް ނެގިއިރު 129.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް އިތުރަށް ދޫކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ ފައިސާތަކުން އައިލެންޑް އެކްސްޕާޓުން ވަނީ ހުޅުމާލޭން ބިމެއް ހޯދައި 17 ބުރީގެ އިމާރާތެއްގެ ކޮންކްރީޓް މަސައްކަތް ކޮށްފައި ކަމަށެވެ. އަދި އެކުންފުނީގެ ޑިރެކްޓަރަކު ހުޅުމާލޭން ބިމެއް ގަނެފައިވާ ކަމަށާއި އެކަންކަމަށް ބާރު ލިބޭ ހުރިހާ ލިޔެކިއުންތަކެއް ހޯދާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން މި މުދާތަކަކީ ދައުލަތުގެ ފައިސާއިން އުފަންކޮށްފައިވާ މުދާތަކަކަށް ވާތީ އެތަކެތި ދަޢުލަތަށް ނެގުމަށް ރެކޮމެންޑް ކޮށްފައިވާނެކަމަށާއި، މިކަމުގައި އިހުމާލު ވެފައިވާ ފުލުހުންނަށް ފިޔަވަޅު އެޅުމަށްވެސް ސަބް ކޮމެޓީގެ ރިޕޯޓުގައި ހިމަނާފައިވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ކުރިއަށް ގެންދިޔަ މި މަޝްރޫއުއަކީ 355 މިލިއަންގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓެއްގައިވެއެވެ. އަދި އެ ފްލެޓުތަކަށް ޖުމްލަ 1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ހުޅުމާލެ 1 ގައި ފުލުހުންނަށް ޚާއްސަކޮށްގެން 13 ބުރީގެ 3 ޓަވަރުގެ މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރުގެ ޖޫން 19 ގައި 580.2 މިލިއަން ރުފިޔާއަށް ނޫމަޑިއަށެވެ. އެ މަޝްރޫއު ނޫމަޑިއާ ހަވާލުކުރީ 24 މަސް ދުވަހުން ނިންމައި ހަވާލުކުރާ ގޮތަށެވެ. އެ މަޝްރޫއުގައި އެންމެ ފުރަތަމަ ހަވާލުކުރީ 300 ހައުސިން ޔުނިޓް އެޅުމަށެވެ. ނަމަވެސް އެކި ފަހަރު މަތިން ހައުސިން ޔުނިޓްތަކުގެ އަދަދު ބަދަލުކޮށް އެންމެ ފަހުން ހަވާލުކޮށްފައި ވަނީ 361 ހައުސިން ޔުނިޓް ތަރައްޤީ ކުރުމަށެވެ.

ނަމަވެސް ނޫމަޑިއަށް މަސައްކަތް ނުނިންމިގެން އައިލެންޑް އެކްސްޕާޓްއާ ހަވާލު ކުރުމުންވެސް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުން 2021 ގައި އެ ފްލެޓްތައް ނިންމަން ހަވާލުކުރީ އަމީން ކޮންސްޓްރަކްޝަނަށެވެ.

ޕޮލްކޯގެ ފްލެޓްތައް އެޅުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ މައްސަލަތައް އަވަސް މައްސަލައެއްގެ ގޮތުގައި އޭސީސީންވެސް މިހާރު ދަނީ ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން