ރައީސް ނަޝީދާއި އިކޮންމިކް މިނިސްޓަރ ފައްޔާޒް
ރައީސް ނަޝީދާއި އިކޮންމިކް މިނިސްޓަރ ފައްޔާޒް
އިކޮންމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މަގާމުން އެކަހެރިވެވަޑައިގަތުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު އަންގަވައިފިއެވެ.

އިނގިރޭސިވިލާތުގައި ހުންނަވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވީ ފައްޔާޒް މަގާމުން އެކަހެރިވެވަޑައިގަތުމަށް ފެނިވަޑައިގަންނަވަނީ އެމްޑީޕީ އަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ. މިކަމުގައި، މިނިސްޓަރު ފައްޔާޒުއާ ވެސް އެއްވެސް ޒާތީ ކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭ ނަމަ މިނިސްޓަ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަރ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ފޮނުއްވި ސިޓީގައިވެއެވެ.



ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ސާފު ޕާޓީއެއްގެ ގޮތުގައި ވަރަށް ގިނަބަޔަކުދެކޭ، ރާއްޖޭގެ އާބާދީގެދެބައިކުޅަ އެއްބައިހާ މީހުން ތާއީދުކޮށް ވޯޓުދޭ ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އަދި ކިތަންމެ އިންތިޚާބެއް ކާމިޔާބުކޮށްފައިވާ ޕާޓީއެއްކަމަށެވެ. އެމްޑީޕީގެ އެންމެ ފުރުތަމަ ކުރު ވެރިކަން ނިމިދިޔައިރުވެސް ޕާޓީގެ އެންމެ ސާފު އެއް ސިފައަކީ، ޕާޓީގެ މަޤާމުތައް ފުރުއްވާ ބޭފުޅެއްގެ ކޮރަޕްޝަންގެ ޢަމަލުތައް މަދުކަންްކަމަށެވެ. ޕާޓީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ބަދަލުކޮށް، ވޭތުވެ ދިޔަ 7 އަހަރުގެ ތެރޭގައިވެސް ޕާޓީއަށް ނިސްބަތްކޮށް އެންމެ ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ނިކުމެވަޑައިގެން ހުރީ ވޯޓު އަދަދު ގިނަކުރަން ނޫންކަމަށެވެ. މަސައްކަތް ކުރަމުން ދަނީ ޕާޓީގެ ޒަމާންވީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކަމަށެވެ. ޕާޓީގެ ހުރިހާ މެމްބަރުންވެސް އެކަމަށް ވިސްނެވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު މީގެ ކުރިން ވަނީ އިތުބާރު ނެތް ކަމުގެ ބޯޓެއް ނަގައިގެން އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މަގާމުން ބޭރު ކުރެވޭތޯ ވެސް މަސައްކަތް ކުރައްވާފައެވެ. އެމަނިކުފާނަށް އެކަން ކާމިޔާބުވާ ގޮތް އަދި ނުވަނީ އެކަމަށް ބޭނުންވާ އެންމެ ފުރިހަމަ އަދަދަށް މަޖިލިސް މެންބަރުންގެ ތާއީދު ލިބިވަޑައި ނުގަންނަވާތީ ކަމަށް ޕާޓީގެ އެތެރޭގެ މަސްދަރުތަކުން ބުނެއެވެ. އެހެންކަމުން ރައީސް ނަޝީދު މިހާރުވަނީ ޕާޓީގެ ގައުމީ މަޖިލީހަށް އެމައްސަލަ ހުށައަޅުއްވައިގެން ފައްޔާޒު ބޭރު ކުރުމަށް ތާއީދު ހޯއްދެވުމަށް ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން