ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް
ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް
އޮންލައިންކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކުގައި ކާޑުން ކެނޑޭ މިންވަރު މަދުކުރުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުނޑައިލުން ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަހުމަދު ޝިޔާމް މުހަންމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޮންލައި މުޢާމަލާތްތަކަށް ކާޑުން ކޮންމެ މަހަކު ކެނޑޭނެ މިންވަރު 250 ޑޮލަރަށް މަދުކުރުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުނޑައިލުން ކަމަށެވެ. ހަމައެހެންމެ އޮންލައިން މުޢާމަލާތްތަކަށް ކާޑަކުން މަހެއްގެ މައްޗަށް ކެނޑޭ މިންވަރު 250 ޑޮލަރަށް މަދުކުރުމަކީ އާމްދަނީ ލިބުން ހުއްޓިފައިވާ މިފަދަ ދަނޑިވަޅެއްގައި ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމު މިގޮތަށް ވިދާޅުވި ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އަކުން އަދި އެފަދަ ފިޔަވަޅެއް އެޅި ކަމެއް ރަސްމީކޮށް އާންމުކޮށް އިޢުލާން ކޮށްފައެއް ނުވެއެވެ. އެކަމަކު ބައެއް އޮންލައިން ނޫސްތަކުން އެފަދަ މައުލޫމާތު ތަކެއް ރިޕޯޓްކޮށްފައި ވަނީ ޑޮލަރުގެ ތާށިކަމާއި ގުޅިގެން އެފަދަ ފިޔަވަޅު ތަކެއް އަޅަން ޖެހިދާނެ ކަމަށް ބުނަމުން ދަނިކޮށެވެ. އެމްއެމްއޭއިން އެންމެ ފަހުން ބުނެފައިވަނީ މިހާރު ހުރި ބޭރުފައިސާކޮޅު ދެން ދޫކުރާނީ ހަމައެކަނި ކޮންމެހެން ބޭނުންވާ އަސާސީ ނުވަތަ ޒަރޫރީ ބޭނުން ތަކަށް އެކަނި ކަމަށެވެ.



ރާއްޖޭގައި މިހާރު ވަނީ  ޑޮލަރުގެ ތާށިކަން ބޮޑުވެ ބޭންކުން ޑޮލަރު ލިބޭ މިންވަރު ދަށްވެފައެވެ. އަދި އޭގެ އިތުރަށް އެކި ވިޔަފާރިތަކުން އޮންލައިން މަންސަތައް މެދުވެރިކޮށް ލިބޭ ފައިސާ ޑޮލަރުން ދޫކުރުން ބޭންކް އޮފް މޯލްޑިވްސްއިންވަނީ ހުއްޓާލާފައެވެ. އެގޮތަށް ލިބޭ ފައިސާ މިހާރު ދޫކުރާނީ ދިވެހި ރުފިޔާއިންނެވެ. ޝިޔާމުގެ ޓުވީޓުގައި ވިދާޅުވީ ވިޔަފާރި ބޭންކުތަކަށް ޑޮލަރުގެ ތާށިކަމެއް ނުވަތަ ދަތިކަމެއް ކުރިމަތިނުވާނެ މިންވަރަށް އިޤުތިޞާދީ ދައުރުވުމުގެ ތެރެއަށް ޑޮލަރު ނެރެދެއްވާނެ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ވިދާޅުވެފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ރޯގާބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަން ހުއްޓި ރާއްޖެއަށް ބޭރުފައިސާ ވަންނަ އެންމެ ބޮޑު ދޮރު ބަންދުވުމާއެކު ޑޮލަރުގެ ތާށިކަން އަންނާނެ ކަމަށް ވާހަކަ ދައްކަން ފެށުމުން މާލީ ވަޒީރު އިބްރާހީމް އަމީރާއި، މަރުކަޒީ ބޭންކުގެ ގަވަރުނަރު ޢަލީ ހާޝިމް ވަނީ ޑޮލަރުގެ ތާށިކަމެއް ކުރިމަތިވެ އެފަދަ ދަތިކަމެއް މެދުވެރިނުވާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް ދެއްވާފައެވެ. އެ ބޭފުޅުން އަބަދުވެސް ދައްކަވަނީ އިންޑިއާއިން ދޭން ނިންމާފައިވާ ޑޮލަރުކޮޅެއްގެ ވާހަކައެވެ. ނަމަވެސް މިހާތަނަށް އިންޑިއާއިން ދޭން ބުނާ ޑޮލަރުގެ އެއްވެސް މިންވަރެއް ލިބިފައިވާ ކަމަކަށް އެދެބޭފުޅުން ވިދާޅުވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން