ނާއިބް ރައީސް ފައިސަލް ނަސީމް
ނާއިބް ރައީސް ފައިސަލް ނަސީމް
ސަރުކާރުގެ އަމާޒުހުރީ ރާއްޖެއަށް ލިބިފައިވާ މުއްސަނދިކަން ޤައުމުގައި ހިފެހެއްޓޭނެ ގޮތަށް ކަންކަން ބައްޓަންކޮށްގެން ދިވެހިންނަށް މިހާރަށްވުރެ ބޮޑަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އިންސާނީ ވަޞީލަތް ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުކުރެއްވުމުގައި ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ ބައެއް މުހިންމު ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރިންގެ އަދަދު އެކަށީގެންވާ މިންވަރަށްވުރެ މަދުކަން ފާހަގަކުރައްވައި، އެ ދާއިރާތަކަށް ޚާއްޞަ އިސްކަމެއް ދީގެން އިންސާނީ ވަޞީލަތް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.

އެ މަނިކުފާނު ވަނީ، އިންޖިނިއަރިންގ ފަދަ ޓެކްނިކަލް ދާއިރާތަކާއި، އެ ނޫން ވެސް ރާއްޖެއަށް ބޭނުންތެރި މުހިންމު ދާއިރާތައް ދެނެގަތުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުން ވަނީ އެ ބޭފުޅުންގެ ވުޒާރާތަކަށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ. އަދި ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚާއްޞަ ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރެއްވިއެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޢަލީ، ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ، އެންވަޔަރަމަންޓު މިނިސްޓަރު ޑރ ޙުސައިން ރަޝީދު ޙަސަން، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހީމް ޙަސަން، ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު، ޓޫރިޒަމް މިނިސްޓަރު ޑރ ޢަބްދުﷲ މަޢުޞޫމް، އަދި އިސްލާމިކް މިނިސްޓަރު ޑރ އަޙްމަދު ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން