ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވުމުން އެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލާގައި މުޒާހަރާކޮށް، ސީޕީގެ އިސްތިއުފާއަށް ގޮވާލާފައި ވަނިކޮށް އޭނާ މިއަދު ވަނީ އިސްތިއުފާ ހުށައަޅުއްވާފައެވެ. އަދި މިރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ޝުޖާއުގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވާފައެވެ.

ނަމަވެސް، ޝުޖާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް ނަޝީދު މިރޭ އެކްސްގައި ވިދާޅުވީ، ކަންކަމާ ޒިންމާ ނަގައި އަދި ކަންކަން އިތުރަށް ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ ޑިމޮކްރަސީގެ ރީތި އުސޫލު ކަމަށެވެ.

އަދި އަބަދުވެސް އިސްކަންދޭން ޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާ ލާބައަށްކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި އެގޮތަށް އިސްތިއުފާ ދެއްވާފައިވާތީ ޝުޖާއުއަށް ރައީސް ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބަޔަކު މުޒާހަރާކޮށް އިސްތިޢުފާއަށް ގޮވުމުން ވެރިކަމުގެ ދައުރު ހަމަ ނުވަނީސް އިސްތިޢުފާދެއްވައި ވެރިކަން ދޫކޮށްލައްވާފައެވެ. ނަމަވެސް ފަހުން އެމަނިކުފާނު ސިފަކުރެއްވީ އެއީ ބަޣާވާތެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން