މައްކާ ރޫޓް އިނީޝިއޭޓިވްގައި، ދިވެހިރާއްޖެ ހިމަނައިދިނުމަށް އެދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސަޢުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މިކަމަށް ސަޢުދީ އަރަބިއްޔާ ސަރުކާރުގައި އެދިވަޑައިގެންފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ މިކަމުގެ ހުއްދަ ލިބި މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުން ޖިއްދާ އެއަރޕޯޓަށް ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެކަމަށެވެ. އަދި ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރާނީ ސައުދީ އެއަރޕޯޓްގައި ކުރަންޖެހޭ ކަންކަންވެސް ކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަޢުދީ ސަރުކާރުން މިހާތަނަށް މި ފުރުޞަތު ދީފައި ވަނީ ޖުމުލަ ހަތް ޤައުމަށް ކަމަށެވެ. އަދި މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިކަމަށް ވުޒާރާއިން މަސައްކަތް ކުރަމުންދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ ޙައްޖުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް އެތެރެވާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެ ގޮތުން 2017 ވަނަ އަހަރު އެޤައުމުގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ދޭން ފަށާފައިވާ ޚިދުމަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން