މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ފަލާހު
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ފަލާހު
ސަރުކާރުގެ ވަޒީރުންނަކީ ގައުމުގެ އިގްތިސާދު ރަނގަޅުކޮށް، ގައުމު ކުރިއެރުވުމަށްޓަކައި ވަރަށް ބުރަކޮށް އުޅުއްވާ ބޭފުޅުން ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ވަޒީރުން މަޖިލީހަށް ހާޒިރުނުކުރާ ކަމަށާއި ސަބަބެއް ނާންގައި މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައި އިދިކޮޅު އެމްޑީޕީން މިއަދު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ. މި ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މި ގަރާރަށް ބަހުސް ކުރުމަށް ހުޅުވާލުމުން ބަހުސްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މިހާރު ސަރުކާރުގައި ތިއްބަވާ ވަޒީރުންނަކީ ވަރަށް ގިނަ މަސައްކަތްތަކެއް ވަރަށް ގިނަ ވަގުތު ކުރައްވާ ބޭފުޅުންތަކެއް ކަމަށެވެ. އަދި އެބޭފުޅުންނަކީ ވަރަށް ގިނައިން ރާއްޖޭން ބޭރަށް ދަތުރުކުރައްވައިގެން ރާއްޖޭގެ ހަލާކުވެފައި އޮތް އިގުތިސާދު ރަނގަޅުކުރަން ބުރަކޮށް އުޅުއްވާ ބޭފުޅުންތަކެއް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ ވަޒީރުންނަކީ އެމްޑީޕީ ސަރުކާރުގެ ވަޒީރުންހެން 'ހުކުރު ދުވަހު ކާލައިގެން ޕާޓީކޮށް' އުޅޭ ބައެއް ނޫން ކަމަށެވެ. މިހާރު ވަޒީރުން ހާޒިރު ކުރަން ވަގުތު ނަގަނީވެސް މިސަބަބާ ހުރެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފަލާހު ވިދާޅުވީ ވަޒީރުންނަށް 14 ދުވަހަށްވުރެ އިތުރު މުއްދަތު ދޭން ޖެހޭ ކަމަށެވެ. އަދި މީގެ ކުރީގެ މަޖިލީސްތަކުގައި ވެސް 14 ދުވަސް ހަމަވާ ދުވަހު ވަޒީރު މަޖިލީހަށް ހާޒިރުވެ ޖަވާބުނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެގޮތަށް އަމަލު ނުކުރުމަކީ ކޮންމެހެން ގާނޫނުއަސާސީއާއި ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއް ނޫން ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޖިލީހަށް ހާޒިރުކުރަން އޮންނަ ދުވަހު ވަޒީރުން ރާއްޖޭން ބޭރުގައި ވެސް ނުވަތަ އާލާސްކަންފުޅާ ވެސް އުޅުއްވައިފާނެ ކަމަށެވެ. އެހެންވެ މިފަދަ ގަރާރުތައް މަޖިލީހަށް ނުވައްދަން އޭނާ ވަނީ އިދިކޮޅަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން