އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަކީ ހިދުމަތްތެރިއެއް ކަމަށާއި ފައްޔާޒު އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަދު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުން އެކެހެރިވެ ވަޑައިގެންނެވުމަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް ކެބިނެޓްގެ މަގާމަކަށް އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެ މަގާމުން އިސްތިއުފާ ދެއްވާނަމަ ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވުމުން ކަމަށް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު މަގާމުން އެކަހެރިވެ ވަޑައިގެންނެވުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން ފައްޔާޒު މިފަދަ ޖަވާބެއް ދެއްވާފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ގެންދަވަނީ ފައްޔާޒް މަޤާމުން އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ނެތްކަން ހާމަކުރައްވަމުންނެވެ. އެގޮތުން ވިލިނގިލި ދާއިރާއަށް މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިޚާބްވެ ވަޑައިގެންފައިވާ ސައުދު ވިދާޅުވީ ފައްޔާޒު ދަނީ ސަރުކާރުގައި ވަރަށް ބުރަކޮށް ރައްޔިތުންނަށް ހިދުމަތް ކުރައްވަމުންކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ސާބިތުވެ ހުންނަވަނިކޮށް މަޤާމުން އިސްތިއުފާ ދެއްވަންޖެހޭ ސަބަބެއް ފެނިވަޑައި ނުގަންނަވާ ކަމުގައި ސައުދު ވިދާޅުވިއެވެ.

"މިނިސްޓަރ ފައްޔާޒް އިސްމާއިލްއަކީ ހިދުމަތްތެރިއެއް. އިސްތިއުފާ ދޭންޖެހޭ ސަބަބެއް ނެތް." ސައުދު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު މަޤާމުން ވަކިކުރުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތް ކުރައްވާ މިއީ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރައީސް ނަޝީދު މިމަސައްކަތް ފެއްޓެވި ހިސާބުން ވަރަށް ގިނަ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ވަނީ މިނިސްޓަރ ފައްޔާޒްގެ އިތުބާބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައި މަޤާމުން ވަކި ކުރަންޖެހޭ ވަރުގެ ސަބަބެއް އޮތްކަމަށް ނެތް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ނަޝީދުގެ މި ނިންމެވުމާއި ގުޅިގެން މިހާތަނަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން މާގިނަ ބަޔަކު ފައްޔާޒާއި އެކު ތިބި ކަމަށް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިމައްސަލައިގައި މަޖިލީހުގެ ބޮޑު އައުލަބިއްޔަތެއް އޮތީ ރައީސް ޞާލިހު ނިންމަވާ ގޮތަކަށް ކަމަށް "ރަސް އޮންލައިން" އާއި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރަކު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ ތުހުމަތުތަކާއި ގުޅޭގޮތުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދު ތުހުމަތު ކުރައްވާފަދަ އެއްވެސް އަމަލެއް އޭނާ ހިންގަވާފައި ނުވާނެ ކަމަށާއި އެކަމަކު އެކަން ބަލައިލުން އެންމެ ރަނގަޅު ކަމަށެވެ. ފައްޔާޒު ވިދާޅުވީ އޭނާއަށް ދިމާއަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އައި ތުހުމަތުތައް ބެލުން ރަނގަޅު ކަމަށާއި އެފަދަ ތަހުގީގަކަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. އަދި އެއީ އޭނާ ތާއީދު ވެސް ކުރައްވާ ކަމެއް ކަމަށް ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން