މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ހަވާލު ނުކުރެވޭ ގޮތަށް ނިޒާމުތައް ބަދަލު ކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުން ފައިސާ ނުދައްކާ މައްސަލަ ބޮޑުވެފައިވަނިކޮށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މި މައްސަލަ ބެލުމަށް ފަހު ރިޕޯޓެއް ނެރެފައެވެ.

އެ ރިޕޯޓުގައި ވާގޮތުން އެޗްޑީސީ އަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާ އަށް އަރައެވެ. އޭގެ ތެރޭގައި އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތައްވެސް ހިމެނޭ ކަމަށް ރިޕޯޓުގައި ވެއެވެ. މީގެ ތެރެއިން އަމިއްލަ ކުންފުނިތަކުން 1.16 ބިލިއަން ރުފިޔާ ނުލިބި ވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކުލީގެ ގޮތުގައި އެޗްޑީސީއަށް ފައިސާ ނުދައްކާ ގިނަ ކުންފުނިތަކަކީ، ހުޅުމާލޭގައި ވަރަށް ގިނަ ބިންތައް ނަގައި އެ ބިންތައް ބޭނުންކޮށްގެން ވިޔަފާރި ކުރަމުންދާ ބައެއް ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް ފައިސާ ނުދައްކާއިރުވެސް އެ ކުންފުނިތަކަށް އިތުރު ބިންތައް ދޫކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ ތެރެއިން ބައެއް އެއްބަސްވުނަތައް މިހާރު ވަނީ ބާތިލު ކޮށްފައެވެ. އެހެންނަމަވެސް ލިބެންޖެހޭ ފައިސާ ހޯދުމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެ ފައިސާ އަނބުރާ އެޗްޑީސީއަށް ހޯދުމަށްޓަކައި ޖުމްލަ ހަތް ކަމެއް ކުރުމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެގޮތުން ކުރަން ނިންމާފައިވާ ކަންތަކުގެ ތެރޭގައި އެ ފައިސާ އަނބުރާ ހޯދާނެ ޕްލޭނަކާއި ކުންފުނިތަކަށް ލުއި ދިނުމާއި މައާފު ދިނުމުގެ އުސޫލެއް އެކުލަވާލައި، 30 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަހެޅުމާއި ފައިސާ ނުދައްކާ ކުންފުނިތަކުގެ އެސެޓުތަކުގެ ތެރެއިން އެޗްޑީސީއަށް އިހުތިޔާރު ލިބޭ އެސެޓުތައް ހިފެހެއްޓުމާއި، އެޗްޑީސީގެ ބިޑުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭ ފަރާތެއްތޯ ކަށަވަރު ކުރުން ހިމެނެއެވެ.

އަދި ސަރުކާރުން ހިންގާ މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކަކީ ސަރުކާރަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ފައިސާ ދައްކަންޖެހި، ނުދައްކާ ކުންފުންޏެއްތޯ ކަށަވަރު ކޮށްފައި ނޫނީ މަޝްރޫއުތައް ހަވާލު ނުކުރުވޭ ގޮތަށް ނިޒާމް ބަދަލުކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ސަރުކާރުން ލިބެންޖެހޭ ފައިސާ އާއި ސަރުކާރުން ދޭންޖެހޭ ފައިސާ އޮފްސެޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި މިހާރަށް ވުރެ ދެފުށް ފެންނަ ގޮތެއްގެ މަތިން ސީއެސްއާރުގެ ކަންކަން ކުރިއަށް ގެންދަން އެޗްޑީސީ އަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

މި ކޮމިޓީ ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން