މިއަދު ގައުމު ބިނާކުރަން ކުރާ ހޭދަޔަށްވުރެ، ގައުމު ފަނާކުރަން ކުރާ ހޭދަޔާއި ވަގުތު މާ ގިނަވެފައި ބޮޑުކަމަށް އަހުމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަށް އިޝާރާތް ކުރައްވައި ނަސީމް ވިދާޅުވީ މިއަދު ރާއްޖެއިން ފެނިގެންދަނީ ވަރަށް ހިތްދަތި މަންޒަރެއްކަމަށެވެ. ޤާއުމުގައި ފައިސާއާއި ތަނަވަސްކަން ހުރިނަމަވެސް ޤައުމުގެ ތަރައްޤީއާއި ކުރިމަގަށް ކަންކަން ކުރުމުގެ ބަދަލުގައި ފެންނަމުން ދަނީ ޤައުމަށާއި ރައްޔިތުންނަށް ގެއްލުންހުރި ކަންކަން ކުރަމުންދާ މަންޒަރު ކަމަށެވެ.

މިއަދު ދައުލަތުގެ މާލިއްޔާއިންނާއި، ތަނަވަސް މީހުންވެސް ޤައުމުގެ ތަރައްޤީއާއި ކުރިމަޤަށްޓަކައި ކުރަންޖެހޭ ހޭދަތައް ފަހަށް ޖައްސާލުމަށްފަހު ފެނިގެންދަނީ ސިޔާސީ މީހުންގެ މަޤްބޫލުކަމާއި ވެރިކަމުގެ ޖާހަތާއި ލައްޒަތު ހިފެހެއްޓުމަށްޓަކައި ބޮޑެތި ހޭދަތައް ކުރާ މަންޒަރުކަމަށެވެ. މިމަސައްކަތުގެ ތެރެއަށް މިނިވަންކަމާއި ދީނާއި ޑިމޮކްރެސީގެ ނަމުގައި ދެބޯގެރި ދުއްވުންފަދަ ނޭދެވޭ ނުރަނގަޅު އެތައްކަމެއް ކުރަމުންދާ މަންޒަރު ފެންނަމުންދާކަމުގައި ނަސީމް ވިދާޅުވިއެވެ. އަމިއްލަ އެޖެންޑާ ހާސިލް ކުރުމަށް މިއަދު ކުރަމުންދާ ހޭދަތަކަކީ ޤައުމު ބިނާކުރުމަށް އެހޭދަ ކޮށްފިނަމަ ޤައުމަށާއި ރައްޔިތުންނަށް މާބޮޑަށްވެސް ފައިދާ ވާނެ ކަންތައްތަކެއްކަމަށް ނަސީމް ފާހަގަ ކުރައްވާފައި ވެއެވެ.

"ޓީވީތަކާ ނޫސްތަކާ ޖަމާއަތްތައް ހަދައިގެން (މިނިވަންކަމާ ދީނާ ޑިމޮކްރެސީގެ ނަމުގައި) މި (ސިޔާސީ ދެބޯގެރި ދުއްވަން) މިކުރާ ޚަރަދު އެނގިލައްވާތޯ؟ ގައުމު ބިނާކުރަން ކުރާ ހޭދަޔަށްވުރެ، ގައުމު ފަނާކުރަން ކުރާ ހޭދަޔާ ވަގުތު މާ ބޮޑުކަން އެނގިލައްވާތޯ؟ ރޭކާވެސް ނުލާ ދީ؟" ނަފާ ނަސީމް ވިދާޅުވިއެވެ.

މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތި ދަނޑިވަޅުގައި ރާއްޖެއަށް އެކަމުގެ އަސަރު ބޮޑުތަނުންކޮށް، ޤައުމުގައި ތިބި މަސައްކަތްތެރިންނަށްވުރެ ބޮޑު މުސާރަލިބޭ ސިޔާސީ މީހުން މާބޮޑަށް ހާލުގައި ޖެހިގެން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށް ނަސީމް ވިދާޅުވިއެވެ. ކުރިން ލިބުނު މާލީ މަންފާއާއި ތަނަވަސްކަން މިހާލަތާއިއެކު ހުއްޓުމުން އެކި ތަންތަނުގައި އެމީހަކަށް ގޮވުނު އެއްޗެއް ގޮވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ނަސީމު ވިދާޅުވިއެވެ.

މިއަދުވެސް ޤާއުމުގެ މަސްވެރިޔާއާއި، ދަނޑުވެރިޔާއާއި އާންމު މަސައްކަތްތެރިން ތިބީ އާމްދަނީ ލިބޭނެ ގޮތެއްނެތި ނިކަމެތި ހާލުގައިކަމަށް ނަސީމް ވިދާޅުވިއެވެ. ނަމަވެސް މިކަންކަމާއި އަޅާލުމުގެ ބަދަލުގައި ސިޔާސީ ވެރިންގެ ޖީބަށް ވަންނަ އެތިކޮޅު މަދުގެން އުޅުއްވާ މަންޒަރު ފެންނަމުންދާކަމަށް ވެސް ނަސީމު ވިދާޅުވިއެވެ. އަދި މިއަދު ވަކި މީހަކު މަޤާމެއްގައި ހުރުމުން ވަކިކޮށް ވަކި މީހަކު މަޤާމުތަކަށް ގެންނަން އުޅުއްވަނީވެސް މިކަންކަން ހާސިލް ނުވެގެންކަމަށް ނަސީމް ވިދާޅުވިއެވެ.

"ހަޅޭއްލަވަނީ މިގައުމަށް އާމްދަނީހޯދާދޭ މަސްވެރިޔާއެއް ދަނޑުވެރިޔާއެއް ނަފާވެރިޔާ އެއް ނޫން، ސިޔާސީ ބިކާރީންތަކެއް އެމީހުންގެ ޖީބަށް ބަރުނުވެގެން އުޅެނީ. އެމީހުން ބޭނުން ނޫންކަމެއް ވެގެން ނުވޭ. އެމީހުން ހިތްހަމަނުޖެހޭ މީހަކު ހުރެގެން ނުވޭ! ދީ؟ ފިތުނަ މައްޗަށް ފިތުނަ! ވާ؟" ނަފާ ނަސީމް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ދިމާވެފައިވާ އިޤްތިޞާދީ ހީނަރުކަމާއިއެކު ގިނަބައެއްގެ ވަޒީފާ ގެއްލި ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ނަމަވެސް މިހާލުން އަރައި ގަތުމަށް ކުރެވޭ މަސައްކަތް ތަކަށްވުރެ ބޮޑަށް މިހާރުވެސް ކުރެވެމުންދާތަން ފެންނަނީ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދުމާއި ނުފޫޒު ގަދަ ކުރުމަށް ކުރެވޭ މަސައްކަތް ކަމަށް ގިނަ ބަޔަކު ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން