އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެމަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ކުރައްވަމުން ގެންދަވަނީ ބަދަލު ހިފުމުގެ ރޫހުގައި، ޕާޓީ ގުރުބާންކުރުމަށް ކުރާ މަސައްކަތެއްކަމަށް ވިދާޅުވެ ރައީސް ނަޝީދާމެދު ފިޔަވަޅު އެޅުމަށް އެޕާޓީގެ އިސް މެމްބަރަކު ހުށަހަޅުއްވައިފިއެވެ.

މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފަށް އެޑްރެސް ކުރަށްފައި، އެމްޑީޕީ އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި ފުރަހަނި ޝުއައިބު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފައްޔާޒު މަޤާމުން އެކަހެރިވުމަށް އެދިވަޑައިގެން ރައީސް ނަޝީދު ފޮނުއްވާފައިވާ ސިޓީއަކީ ޕާޓީގެ ރައީސްގެ އަމިއްލަފުޅު ސިޓީއެއްކަމަށެވެ. އެއީ އެމަނިކުފާނުގެ އަމިއްލަ ޚިޔާލު ފުޅުގެ ސިޓީއެއްކަމަށް ޝުޢައިބު ސިފަކުރައްވާފައި ވެއެވެ.

"ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދޮށީ ސިޔާސީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުންނާއި ޕާޓީގެ ފަރާތުން-19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވިސްނުންފުޅު މިހާރު އެ ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫޙުގައި ކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. އެ ރޫޙުގައި ޕާޓީގެ ރޫހާނީ ލީޑަރ އަދި ޕާޓީގެ އާންމު މެންބަރުންގެ ނުހަނު ލޯބި ލިބިވަޑައިގެންފައިވާ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތަށް އެކަނި ލިބިފައިވާ ބާރެއްގެ ބޭނުން ރައީސް ނަޝީދު ޕާޓީގެ ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުންކުރައްވަން ފެއްޓެވުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ." ޝުއައިބް ވިދާޅުވިއެވެ.

ޝުއައިބްގެ ސިޓީގައި ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަޣާވާތަކުން ބަދަލުކުރިކަމަށް ވިދާޅުވި ބޭފުޅުންނާއިއެކު އަލުން ކޯލިޝަން ހައްދަވައިގެން އަނބުރާ އެމްޑީޕީ މިއަދު ވެރިކަމަށް އައިސްފައިވާކަމަށެވެ. މިއަދު މިހިނގަނީ އެވެރިކަމުގެ ދައުރަށްވާއިރު މިވެރިކަން ހަލާކު ކޮށްލުމަށް އެއްވެސް ވަކި ފަރުދެއްގެ މަސްލަހަތުގައި އެމްޑީޕީ ތެރެއިން ކަންކަން ކުރުމަށް ޖާގަ ދީގެން ނުވާނެކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

"އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ރައީސްޔާމީންގެ ވެރިކަން އައިސް އެވެރިކަމުގައި ހިނގާދިޔަ ކަންކަމުގައި ދައުލަތައް އެންމެ ބޮޑު ގެއްލުމެއް ލިބުނު ކަމަކަށްވެގެން ދިޔައީ ޤާނޫނު އަސާސީއަށް ބަދަލުގެނެސް ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކުމަށްގެނައި އިސްލާހާއި ނާއިބުރައީސަކަށް ހުންނަ މީހާގެ އުމުރަށް ބަދަލުގެނެސް 24 ގަޑިއިރުގެތެރޭގައި އެގެނައި އިސްލާހުތަކެވެ. މި އިޞްލާހުތަކަށް އެމްޑީޕީގެ ޕާލިމަންޓް މެންބަރުން ވޯޓުދިނުމަށް މަޖުބޫރުވި ސަބަބަކީ، އަޅުގަނޑުމެންގެ ހިތްތަކުގެ ރައީސް އަދި ޕާޓީގެ ރޫޙާނީ ލީޑަރ ރައީސް ނަޝީދުގެ މައްޗަށް ހަވާ ފަޓާސްބަރިއެއްހެން ނާއިންސާފު ޝަރީއަތް ހިންގައި ރައީސް ނަޝީދު ދިގުމުއްތަކަށް ޖަލަށް ލާފައިއޮތުމެވެ. ރައީސް ނަޝީދު ޖަލުން ގެއަށް ބަދަލުކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށެވެ. އެންމެ ފަރުދަކު މިނިވަންކުރުމަށްޓަކައި މުޅި ޕާޓީއާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ޤުރުބާން ކުރީމެވެ." ޝުއައިބް ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވެވަޑައިގެންނެވުމަށް ދެކޭ ހުވަފެން ހަޤީތަކަށް ހެދުމަށް ރައީސް ނަޝީދު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިސިޓީގައި ބުނެފައިވެއެވެ. އެކަންކުރަން ގިނަބަޔަކު ވެގެން ނުހަނު މަސައްކަތުން އުފެއްދި ޕާޓީ ޤުރުބާން ކުރާކަށް އެއްވެސް އާންމު މެމްބަރެއްގެ ޒަމީރާއި ފިކުރު ޖާގައެއް ނުދޭނެކަމަށް ޝުއައިބު ވިދާޅުވިއެވެ. އަދި ޕާޓީގެ އެންމެ އިސްލީޑަރ ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހީމް މުޙައްމަދު ސޯލިހްގެ ވެރިކަމުގެ 5 އަހަރު ދުވަހުގެ ތެރޭގައި މި ވެރިކަން ބަދަލުކޮށް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރާކަށް ދިވެހި އެއްވެސް ރައްޔިތަކު އަދި އެމްޑީޕީ މެމްބަރުންވެސް ތާއީދު ނުކުރާނެކަމަށް ސިޓީގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ރައީސް ރައީސް ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ޤުރުބާންކުރުމަކީ ޣައްދާރުވުންކަމުގައި އަޅުގަނޑުދެކެމެވެ. ޚިޔާލުތަފާތުވިޔަސް ޤައުމަށާއި ރައްޔިތުންނަށް ގެއްލުންލިބި ޕާޓީގެ ވެރިން އެކަކު އަނެއްކަކަށް ދެފުރަގަސް ޖައްސާ ހިސާބަށް މައްސަލަތައް ގެންދިއުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ހާސްކަމުގެ ތެރެއަށް ވެއްޓޭނެ ކަމެކެވެ. އެމްޑީޕީގެ ވެރިންގެ އިތުބާރު ރައްޔިތުންގެ ތެރޭގައި ގެއްލޭނެކަމެކެވެ." ޝުއައިބްގެ ސިޓީގައި ވެއެވެ.

އޭނާ ވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލުކުރެއްވުމާއި، ޕާޓީ ތަމްޞީލް ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރައްވަމުންދާކަމަށް ތުހުމަތު ކޮށްފައެވެ. އަދި ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުޙައްމަދު ނަޝީދު ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެއްވެން ހުރި އެންމެހާ މަސައްކަތް ޕާޓީގެ ޗެއަރ ޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފު ކޮށްދެއްވުމަށް ޝުޢައިބު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ނަސީދު

11-Sep-2020

ސުއައިބު އެބުނީ ވަރަށް ބޮޑުތެދެއް ރައީސް ނަޝީދު ވިޔަސް އިމުގެ ތެރޭގައި ހުންނަވައިގެން ކަންކަން ކުރައްވަނީ މިހާރު އެމް ޑީ ޕީ ރައީސް ކަމުން އިސްތިއުފާ އަށް ގޮވާލަން 😏



ޓްރެންޑިން