ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 46 ޕަސެންޓު ދަށްވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރީ 30 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު މިމުއްދަތުގައި 16.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ގާތްގަނޑަކަށް 46 ޕަސެންޓުގެ ދަށްވުމެކެވެ.

މިހާތަނަށް ދައުލަތުން ހަރަދުގެ ގޮތުގައި 17.1 ބިލިއަން ރުފިިޔާ ވަނީ ހޭދަކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރު މިމުއްދަތުގައި ހޭދަކޮށްފައިވަނީ 17.5 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ހޭދަވާނެ ކަމަށް ކުރިން އަންދާޒާ ކުރީ 35 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ދައުލަތުގެ ހޭދަ އިން މިދިޔަ އަހަރާ އަޅާ ބަލާއިރު އުނިވެފައިވަނީ ގާތްގަނޑަކަށް ދެ ޕަސެންޓް ވަރެވެ.

ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ މިހާލަތުގައި ރާއްޖޭގައި މިހާރު ހުރި ޑޮލަރުގެ ރިޒާވް ބޭނުންކުރާނީ ރައްޔިތުންގެ އެންމެ އަސާސީ ކަންކަމަށް ހޭދަކުރުމަށްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ. އެމްއެމްއޭއިން ވަނީ މިހާރުހުރި ރިޒާވުން އެންމެ އިސްކަމެއްދޭނީ ރައްޔިތުންގެ އެންމެ އަސާސީ ކަންކަމަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމަށާއި ޚާއްސަކޮށް ކެއިންބުއިމަށް ބޭނުންވާ ތަކެއްޗާއި، އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އިތުރުން ސިއްހީ ކަންކަން ހަމަޖެއްސުމަށްކަމަށް ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރު 1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެކަމަކު މި އަހަރު މިހާތަނަށް ލިބިފައިވަނީ 188 މިލިއަން ރުފިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން