އަލްމަރުޙޫމް ހުސެއިން މުޙައްމަދު އަވަހާރަވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ހުޅުވާލާފައިވާ ތައުޒިޔާގެ ދަފުތަރުގައި ކުރީގެ ރައީސް، ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ސޮއިކުރައްވައިފިއެވެ.

މަރުހޫމް ހުސެއިން މުހައްމަދުގެ ހަދާނުގައި މަޖިލީހުން ހުޅުވާލި ދަފްތަރުގައި ރައީސް ވަހީދު ސޮއިކުރައްވާފައިވަނީ މިއަދުގައެވެ. މިއަދަކީ ދަފްތަރުގައި ސޮއިކުރުމުގެ އެންމެ ފަހުދުވަހެއެވެ. މިފޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ދައުލަތުގެ އިސްވެރިންނާއި، މަޖިލީހުގެ މެމްބަރުންނާއި، އާންމު ގިނަބަޔަކުވެސް ވަނީ ސޮއިކުރައްވާފައެވެ.

ހުސައިން މުހައްމަދަކީ މަޖިލީހުގެ މެންބަރުކަމުގެ އިތުރަށް ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއާއި ޓީވީ މޯލްޑިވްސްގެ އިސްމަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އީ.ޑީ.ސީ.ގެ އެކިއެކި މަޤާމުތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރކަން ކުރެއްވިއެވެ.

އަދި ޓެލެވިޜަން މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ކަމުގެ މަޤާމާއި ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމުގެ އިތުރުން ޓީވީއެމްގެ އެންމެ އިސްވެރިޔާގެ މަޤާމުވެސް ޙުސައިން މުޙައްމަދު އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެއަޑާއި އާފަތިސް ނޫހުގައިވެސް ގިނަ ދުވަސްތަކެއްވަންދެން ބޭރުދުނިޔޭގެ ޚަބަރުތައް ލިޔުއްވާފައިވެއެވެ.

ސިޔާސީ ދާއިރާގައިވެސް އެމަނިކުފާނު ވަނީ ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރައްވާފައެވެ، އެގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްސަފުގައި ޙުސައިން މުޙައްމަދު ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވީ 2005 ގައެވެ. އެގޮތުން ދިވެހި ރައްޔިތުންގެ ޕާޓީ އުފެއްދެވުމާއެކު އެޕާޓީގައި ރައީސް މައުމޫނާއެކު މަސައްކަތް ފެއްޓެވިއެވެ.

އެމަނިކުފާނުވަނީ ވިދިވިދިގެން 3 ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. އެގޮތުން 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަންކުރައްވައި، 2009 އަހަރުން ފެށިގެން 2019 ވަނަ އަހަރާހަމައަށް 17ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވީ ޙުސައިން މުޙައްމަދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން