މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ދޫކޮށްފައިވާ ސުޓޫޑެންޓް ލޯން ދެއްކުމުގެ މުއްދަތު މިއަހަރުގެ ނިޔަލަށް ފަސްކޮށްދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ މީހުންގެ ޢާމްދަނީއަށް އަސަރުކޮށްފައިވުމާއެކު އާއްމު ހާލަތަށް ރުޖޫއުވުމަށް ވަގުތު ނަގާނެތީކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. ކުރިން ސްޓޫޑެންޓް ލޯން ދެއްކުމުގެ މުއްދަތު ފަސްކޮށްދީފައިވަނީ މިމަހުގެ ނިޔަލަށެވެ.

ސްޓޫޑެންޓް ލޯން އަނބުރާ ދެއްކުމުގެ މުއްދަތު ފުރަތަމަ 6 މަސްދުވަހަށް އިތުރުކޮށްދެއްވިކަން މާރޗްމަހުގެ 25 ވަނަ ދުވަހު އިޢުލާން ކުރެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްއެވެ.

ސްޓޫޑެންޓް ލޯން އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ މަތީ ތަޢުލީމް ހާސިލު ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް 514 ދަރިވަރުންނަށް ލޯން ދޫކޮށްފައިވެއެވެ. މި ލޯންތަކަށް 150 މިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ވަނީ މަތީ ތަޢުލީމުގެ ލޯން ސްކީމް ނުވަތަ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ރޭޓް 3 ޕަސެންޓަށް ކުޑަކޮށްފައެވެ. ކުރިން މި ލޯނު ދޫކުރަމުން އައީ 5 ޕަސެންޓް އިންޓްރަސްޓް ރޭޓުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން