ކޮމިޝަންގެ ރައީސް މުނައްވަރު
ކޮމިޝަންގެ ރައީސް މުނައްވަރު
އޭޕްރީލް 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު އުސް އިމާރާތަކުން ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނަށް އައްޔަނުކުރައްވާފައިވާ މެންބަރުންނަށް އެލަވަންސްއެއް ހަމަޖައްސަވާފައިވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށް ދިޔަ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ބޭފުޅުންނަށް އެއްވެސް އުޖޫރައެއް ލިބޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކޮމިޝަނަށް އައްޔަނުކުރެއްވި ބޭފުޅުންގެ ތެރޭގައި ދެ ބޭފުޅަކީ ވަޒީފާގައި ތިއްބެވި ދެ ބޭފުޅުންކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުން މިހާރު ތިއްބެވި ވަޒީފާއިން ކޮމިޝަނުގެ މަސައްކަތަށް ވީއްލާގޮތަށް ހަމަޖައްސަވާފައިވާނޭ ކަމަށާއި އެ ދެ ބޭފުޅުންނަށް އިތުރަށް ލިބިވަޑައިގަންނަވާނީ ފަސްހާސް ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ދެން ތިއްބެވި ތިން ބޭފުޅުންނަކީ ވަޒީފާއެއްގައި މިވަގުތު ނޫޅުއްވާ ބޭފުޅުންކަމުން އެ ބޭފުޅުންނަށް ފަނަރަ ހާސް ރުފިޔާގެ އެލަވަންސެއް ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތަށް ބަޖެޓެއް ހަމަޖައްސަވާފައިވާނޭކަމަށާއި، އެ ބޭފުޅުން ބޭނުންވާނަމަ ރާއްޖޭން ބޭރުން މާހިރުން ގެނެސްގެން ތަހުގީގުތައް ކުރިއަށް ގެންދަންވެސް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ، ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން، ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641، ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ އަދި އާމިނަތު އީނާސް، ހ. ހަބަރުގެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން