އަހުމަދު އާރިފް (އާއްޓެ)
އަހުމަދު އާރިފް (އާއްޓެ)
ރާއްޖެ ވަކި ޤައުމަކަށް ދަރަނިވެރިވެ ދަރަނި އަދާކުރަން ޖެހުމަކީ އެޤައުމަކުން ބުނާހާ ކަމެއް ކޮށްދޭންޖެހޭ ސަބަބެއް ނޫންކަމުގައި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓެ) ވިދާޅުވެއްޖެއެވެ.

ކޯވިޑް19 އާއިއެކު ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ރާއްޖެއިން ދަނީ އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ މާލީ އިދާރާތަކުން ހިލޭ އެހީގެ ގޮތުގައާއި، ލޯނުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާގެ އެހީތެރިކަން ހޯދަމުންނެވެ. އަދި މިއަދު ވެރިކަމުގައި އޮތް ސަރުކާރާއި އަވަށްޓެރި އިންޑިޔާއާއި އޮތް ގާތް ގުޅުމުގެ ސަބަބުން އިންޑިޔާއިން ލިބޭ އެހީތެރިކަން ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

އަވަށްޓެރި އިންޑިޔާއިން މިހާލަތުގައި ފޯރުކޮށް ދެމުންދާ އެހީތަކާއިއެކު ރާއްޖެ އަޅުވެތިކުރުމަށް އިންޑިޔާއިން މަަސއްކަތް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާއިރު، ވިޔަފާރިވެރިޔާ އާރިފް ވިދާޅުވީ ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމަކަށްވާއިރު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގުޅުންހުރި ކަންކަމާއި ބެހުމުގެ ފުރުސަތު އެއްވެސް ޤައުމަކަށް ލިބިގެން ނުވާކަމަށެވެ.

ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ އެއްވެސް ޤައުމަކަށް ވަދެވުމުގެ ފުރުސަތުވެސް ދީގެން ނުވާނެކަމަށާއި، އަދި ދޭ އެހީތެރިކާއި ލޯނަކީ ޤައުމު އަޅުވެތި ކުރުމަށް ދެވޭ އެއްޗަކަށް ވެގެން ނުވާނެކަމަށް އާރިފް ވިދާޅުވިއެވެ. ރާއްޖޭގެ މިހާލަތުގައި ދަރަނި އިތުރުވާނެކަމީ ގަބޫލުކުރަންޖެހޭ ހަގީގަތަކަށްވާއިރު މިފުރުސަތަކީ މިދަރަނި ނަގާ ގައުމަށް ރާއްޖޭގެ މިނިވަންކަމުގެ ތެރެއަށް ވަނުމަށް ލިބޭ ފުރުސަތަކަށް ވެގެން ނުވާނެކަމަށްވެސް އާރިފް ވިދާޅުވިއެވެ.

"އެއްވެސް ބޭރު ޤައުމަކަށް ރާއްޖޭގެ ދާޚިލީ ކަންކަމާއި ބެހި ގޮތް ކިޔައިގެން ނުވާނެ. ރާއްޖެ އެހެން ޤައުމަކަށް ދަރަނި ވެރި ވުމަކީ އެ ޤައުމަކުން ބުނާހާ ގޮތަކަށް ހަދަންޖެހޭ ސަބަބެއްނޫން" އާރިފް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް އެހީގެ ގޮތުގައި 500 މިލިއަން ޑޮލަރުގެ ލޯނުއެހީ ދިނުމަށްވެސް އިންޑިޔާއިން ވަނީ ނިންމާފައެވެ.

މިނޫންވެސް ބޮޑެތި އެހީތަކެއް އިންޑިޔާއިން މިހާލަތުގައި ފޯރުކޮށް ދެމުންދާއިރު އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމުގެ ތެރެއިން އަސްކަރީ ސިފައިން ރާއްޖެއަށް އައިސް ހަރަކާތްތެރިވަމުންދާތީ އެކަމުގެ ކަންބޮޑުވުން ގިބަޔަކު ދަނީ ފާޅުކުރަމުންނެވެ. އަދި މިގޮތަށް ވަކި ޤައުމެއްގެ ސިފައިންނަށް ރާއްޖޭގައި އެއްވެސް ހައްދެއްނެތި ހަރަކާތްތެރިވެވޭނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން