ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ހިމަބިއްސާއި ރުބެއްލާ ނައްތައިލަން ކަނޑައެޅި މުއްތަދުގެ ތިން އަހަރު ކުރިން ރާއްޖެއިން ރުބެއްލާ ނައްތައިލުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ރާއްްޖެއަށް ތައުރީފުކޮށް މިއަދު ސެޓްފިކެޓެއް ދީފި އެވެ.

ރާއްޖެއަކީ ރުބެއްލާ ނައްތާލާފައިވާ ޤައުމެއްކަމަށް ޑަބްލިއުއެޗްއޯއިން ހާމަކޮށްފައި ވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވާކަން ފާހަގަކުރުމުގެ ލިޔުން ދީފައި ވަނީ މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ 73 ވަނަ ރީޖަނަލް ބައްދަލުވުމުގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މީސަލްސް އާއި ރުބެއްލާ ނައްތާލުމުގެ ޓާގެޓުގެ ތިން އަހަރު ކުރިން ރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވާ ކަމަށެވެ. ރާއްޖެއަކީ މި ސަރަހައްދުން ރުބެއްލާ ނައްތާލެވުނު ތިން ގައުމުގެ ތެރެއިން އެއް ގައުމެވެ. 2023 ވަނަ އަހަރު އަންނަންވާ އިރަށް ދެކުނު އިރުމަތީ އޭޝިއާއިން ހިމަބިއްސާއި ރުބެއްލާ ނައްތާލުމަށް ވަނީ އަމާޒު ކަނޑައަޅާފައެވެ. މިހާތަނަށް އެ އަމާޒަށް ވާސިލުވި ދެ ޤައުމަކީ ސްރީލަންކާ އާއި ދިވެހިރާއްޖެއެވެ.

ރާއްޖެ އިން ރުބެއްލާ ނައްތައިލަން ކުރި މަސައްކަތްތަކުގެ ތެރޭގައި އެ ބަލިން ދިފާއުވާން ދޭ ވެކްސިން 2007 ވަނަ އަހަރުން ފެށިގެން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމާއި އެކަމުގައި ޒުވާނުންނަށް އިސްކަން ދިނުމަކީ ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި ބަލި ނައްތައިލެވުނު އެއް ސަބަބެވެ. ގިނަ ގޮންޖެހުންތަކަކާއި އެކުގައި ވެސް އެ ބަލީގެ ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ލެބޯޓްރީ ޓެސްޓްތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދިޔަ ސަވައިލެންސް މަސަައްކަތްތަކަކީ ވެސް ސަބަބެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

ރާއްޖޭގައި ރުބެއްލާ އަދި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޯމް، ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކޮށް ޑަބްލިއުއެޗްއޯ އިން ވަނީ 2018 ވަނަ އަހަރުގެ ތެރޭގައިވެސް ސެޓްފިކެޓެއް ދީފައެވެ. އަދި 2019 ވަނަ އަހަރު ވަނީ އެކަމުގެ އެވޯޑެއްވެސް ރާއްޖެއަށް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން