ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
މާލެ ސަރަހައްދުން ފެންނަ ކޭސްތަކުގެ އަދަދު މަދުވިޔަސް އަތޮޅު ތެރެއިން ފެންނަ ކޭސްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހު ވަނީ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ޒިޔާރާތްކުރައްވައި، ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ. އެގޮތުން، ނައިބު ރައީސް ފައިސަލް ނަސީމް ބަލަހައްޓަވާ ހެލްތު އިމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ، ކޯވިޑް-19 އިޖާބައިގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް، އަދި ވަކިން ޚާއްޞަކޮށް ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައި ކުރިމަތިވާ ދަތި އުނދަގޫ ގޮންޖެހުންތަކާއި، ފިޔަވަޅުތަކާއިއެކު ވެސް އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

އަދި، މި ދުވަސްވަރު މާލެ ސަރަޙައްދުން ކޯވިޑް-19 ބަލި ޖެހެމުންދާ މީހުންގެ އަދަދުތައް ދަށްވަމުންދިޔަ ނަމަވެސް، ރާއްޖޭގެ އެހެން ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއިއެކު، އެ ކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗް.އީ.އޯ.ސީ.ގެ ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. އެއީ ސަރުކާރުން ވެސް މި ވަގުތު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއް ކަންތައްކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ކުރެއްވި މި ޒިޔާރަތުގައި ވަނީ، އެޗް.އީ.އޯ.ސީ.ގައި ގާއިމުކޮށްފައިވާ އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. އަދި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ އެބޭފުޅުންގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސަށް މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން