މަރްޔަމް ނަހްދާ ވަޙީދު   10 މޭ 2025 - 17:16
މިދިޔަ މަހު 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް (21އ)ގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ރައުދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

މިއީ ރައުދުގެ ބަންދުގެ މުއްދަތު ޖެހި ތިންވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު ރައުދުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވެ އެވެ.

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

މެލޭޝިއާގައި ފަރުވާ ދެމުންދާ ޔުމްނު މިހާރު ވަނީ ހޭއަަރާފައެވެ. އަދި އޭނާގެ އާއިލާގެ މީހަކު މީޑިއާތަކަށް ދިން ލައިވް އިންޓަވިއުއެއްގައި ބުނީ ޔުމްނު އަމިއްލައަށް އިމާރާާތުން ފުންމާ ނުލާ ކަަމަށާއި އެ ހާދިސާ ހިނގިއިރު ޔުމްނު ކައިރީގައި ހަތަރު މީހަކު ތިބި ކަމަށެވެ. އެހެން ނަމަވެސް އެކަން ސީދާ ހިނގިގޮތެއް އާއިލާއިން ވެސް ކިޔައެއް ނުދެއެވެ. އަދި އެބުނާ އިތުރު މީހުންނަކީ ކޮން ބައެއް ކަމެއް ވެސް ނުބުނެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލައަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރި ކަމަށެވެ. އެހެންނަމަވެސް، އެ ފުރުސަތު ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

އަދި އެކަން މަގުފަހިވީހާ އަވަހަކަށް ޔުމްނުއާ ސުވާލު ކުރަން ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ޔުމްނު ހިމެނޭހެން ޖުމުލަ 8 މީހެއްގެ ފޯނާއި ޕާސްޕޯޓުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން