އަންނަ އަހަރުގެ އޭޕްރީލަށް އައްޑޫ ބަނދަރުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އައްޑޫގެ ބަނދަރާގެ ގުޅޭގޮތުން ވަޒީރާ ސުވާލު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ. މެމްބަރު ނާޒިލް ވަނީ އައްޑޫގައި ހަދަން ފަށާފައިވާ ބަނދަރުގެ މަސައްކަތް ވަރަށް ލަސްކޮށް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ޕްލޭން ކުރެވިފައިވާގޮތާއި ނިންމާނެ ތާރީހަކާމެދު ސުވާލުކުރެއްވިއެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހިތަދޫ ބަނދަރުގައި ދޯނި އެހެލާ ސަރަހައްދެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަން އަޅާ ބްރިޖްގެ ސަބަބުން ބްލޮކްވާތީ ޝަކުވާތައް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެކަމައިގެން ކުރިއަށް ދެވޭނީ ކިހިނެއްތޯ ބަލަމުންދާ ކަމަށާއި މަސައްކަތަށް އިތުރު ބަދަލުތަކެއް މިވަގުތު ގެނެސްފައިނުވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްރޫއު ލަސްކޮށް ދިޔުމުގެ އެއް ސަބަބަކީ ބޮޑު ހިލަ ލިބުމުގައި ދަތިތައް ހުރުން ކަމަށެވެ.

އައްޑޫ ލިންކް ރޯޑުގެ މަޝްރޫއާ ގުޅޭގޮތުން ވެސް މިއަދު މިނިސްޓަރ ވާހަކަ ދައްކަވާފައި ވެއެވެ. މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެނީ ލިންކު ރޯޑު މަޝްރޫއަށް ކަމަށެވެ.

މިދިޔަ ސަރުކާރުން އެފްކޯންސްއާ ހަވާލުކޮށްގެން ސީ.ޓީ.ބީ ސިމެންތިބޭސް ލޭޔަރެއް އަޅާފައި އޮތް ފަސްދޮޅަސް ކިލޯމީޓަރުގެ މަގުތަކުގައި ތާރުއެޅުން ހިމެނޭހެން އައްޑޫ ލިންކު ރޯޑުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެމްޓީސީސީއާއެކު ވަރަށް ފަހުން ސޮއިކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން