ފަސްދޮޅަހަށްވުރެ ގިނަ ޓީމާއެކު "މައި ހުޅުމާލެ" މަސްރޭސް މާދަމާރޭ ހުޅުމާލޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއީ، ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުރީދޫ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތައް ލިބޭގޮތަށް މަސް ރޭހެއް ބޭއްވުމަށް ނިންމައި، މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީ ވުމަށް ވަނީ ހުޅުވާލާފައެވެ. އަދި އެ ފުރުސަތުގައި ޖުމްލަ 64 ޓީމަކުން ވަނީ ފޯމު ހުށަހަޅާފައެވެ.

މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 މެއި 2025 ގަ އެވެ. ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 އަށެވެ.

ރޭހުގައި ބައިވެރިވެގެން އެއްވަނައަށްދާ ޓީމަކަށް 21،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން، އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000ރ. އަދި އެންމެ މޮޅު ކެޔޮޅަށްވެސް 5،000ރ. ގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާދަމާ މައި ހުޅުމާލެ މަސް ރޭސް ކުރިއަށްދާ ވަގުތުގައި، ސްކޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "ސްކޭޓް ސްކޭޕް" ކުރިއަށްގެންދިއުމަށްވެސް ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މިއީ ރޯލަރ ބްލޭޑާސް އާއި ސްކޭޓް ބޯޑާސް އަދި ސްކޫޓަރ ރައިޑަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތް އޮންނާނީ މެއި 15 ވަނަ ދުވަހުގެ 16:00 އިން 22:00 އަށް، ހުޅުމާލޭ ފެރީ ޓާމިނަލް ޕާކުގައެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ސެޓްފިކެޓް ލިބޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެހެންވެ މި ހަރަކާތުގައި އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 15 މެއި 2025 ގެ 14:00 އެވެ.

ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން މި ހަފްތާގެ ނިޔަލަށް އަދިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުން، މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު ސައިކްލިންގ ޗެމްޕިއަންޝިޕް އަދި އެ ދުވަހުގެ ހަވީރު ހެލްތު ކޭމްޕްގެ އިތުރުން މި މަހުގެ 17 ވަނަ ދުވަހު ބީޗް ފެސްޓެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން