އަމީން މަޖިލީހުގެ ޖަލްސާއެއްގައި
އަމީން މަޖިލީހުގެ ޖަލްސާއެއްގައި
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާުވަލުކޮށްފި އެވެ.

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފަންގިފިލާއިން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

އެހެންވެ އެ މައްސަލަ ކުރިއަށް ގެންދަން މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރު 01:30އަށް ވަނީ ތާވަލުކޮށްފަ އެވެ.

އެ ޖަލްސާގައި އަމީނަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދިނުމަށް ފަހު އަމީން މަގާމުން ވަކިކުރުމާ މެދު މަޖިލިީހުގެ ތަޅުމުގައި ވޯޓެއް ނަގާނެ އެވެ.

ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތުމުން މިނިސްޓަރު މަގާމުން ވަކިކުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނީ އެ ހާދިސާ ހިނގުމުގެ ކުރިން މިނިސްޓަރު ދިރިއުޅުއްވާ މާންދޫގޭ ދެކުނު ބައިގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަަމަށެވެ.

އަދި އެ މައްސަލައިގައި ފުލުހުން މިނިސްޓަރުގެ ގޭގެ ނަން ހާމަނުކޮށް އަދި އެގެ ބަލާ ފާސްކުރިކުރުމާ ގުޅޭ މައުލޫމާތު ސިއްުރުކުރަން ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށް ވެސް މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން