މިއަދުގެ ރަސްމިއްޔާތުގައި ސިފައިންނަށް ހަނދާނީ ފިލާ އެރުވުން: ރައީސް އޮފީސް
މިއަދުގެ ރަސްމިއްޔާތުގައި ސިފައިންނަށް ހަނދާނީ ފިލާ އެރުވުން: ރައީސް އޮފީސް
ދިވެހި ރައްޔިތުންނަށްޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބި އޮރެންޖު ހިޔާގެ މަސައްކަތުން ފެނިގެން ގޮސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ، ހުޅުމާލޭގައި ތެލެސީމިއާ ޕޭޝަންޓުންނަށްޓަކައި ގާއިމް ކުރެވުނު "އޮރެންޖު ހިޔާ"ގެ މަސައްކަތް ކުރި ސިފައިންނާ ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ބަންޑާރަ ކޮށީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ސިފައިންނާ މުޚާޠަބު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންނަކީ ގައުމު އެދި ގޮވާލާ ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި، ހުޝިޔާރުކަމާއި، ޝައުޤުވެރިކަމާ އެކީގައި މަސައްކަތްކުރާ ބައެއްކަމަށެވެ. އަދި ސިފައިންނާ ހަވާލުކުރައްވާ ކޮންމެ މަސައްކަތަކުން ވެސް ހާމަކޮށްދެނީ ދިވެހި ރައްޔިތުންނަށް ޓަކައި ސިފައިންގެ ހިތުގައި އޮންނަ ލޯބިކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަ ކުރައްވާފައެވެ.

އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ އެކަން ފުރިހަމަނުކުރެވި ލަސްވަމުން ގޮސް ތެލެސީމިއާ ކުދިންނަށް ލޭއެޅުމުގެ ކަންކަން ވަރަށް ސީރިއަސް ޙާލަތަކަށް ދިއުމުން، ވީހާވެސް އަވަހަކަށް، ވީހާވެސް ފުރިހަމަކޮށް، އެކުދިންނަށްޓަކައި އޮރެންޖު ހިޔާގައި މޯލްޑިވްސް ބްލަޑް ސަރވިސަސް ގާއިމްކުރެއްވުމަށް ބޭނުންފުޅުވާތީ އެ މަސައްކަތް ސިފައިންނާއި ޙަވާލުކުރެއްވީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތް ސިފައިން ކުރިއަށް ގެންދިޔައިރު، ސިފައިންގެ އެންމެ މަތީ ލެވެލުން ފެށިގެން ހުރިހާ ލެވެލެއްގައި ބައިވެރިވުން މިކަމުގައި ފެނިގެން ދިޔަ ކަމަށެވެ. އަދި އެތަން ނިންމާލާފައިވަނީ ވަރަށް ފުރިހަމަކަމާ އެކުކަން ފާހަގަކުރައްވައި ރައީސް ވަނީ ސިފައިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ "އޮރެންޖު ހިޔާ" އަށް އެމްބީއެސް ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ސިފައިންނަށް މިއަދު އަރުވާފައިވާ ކަމަށެވެ. އެމްއެންޑީއެފްގެ ފަރާތުން މި ފިލައާ ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑަރުންނާއި އެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިން ބައިވެރިވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން