ވެރިކަން ހިންގާ މައިޕާޓީ، އެމްޑީޕީގެ އެންމެ އިސްލީޑަރަކީ އެޕާޓީގެ ރައީސްކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެފައިވާ ވިދާޅުވުމަކީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި ފުށުއަރާ ކަމެއްކަން ހާމަވެ ހަސަން ލަތީފުގެ އެ ނިންމެވުމަށް ގިނަބަޔަކު ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން މަޤާމުގެ ނުފޫޒު ނާޖައިޒް ގޮތުގައި ބޭނުންކުރައްވާތީއާއި އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ޕާޓީގެ ތަކެތި ބޭނުންކުރައްވާތީ އެކަން ހުއްޓުވުމަށްއެދިވަޑައިގެން، އެމްޑީޕީ އުފެއްދުމުގައިވެސް އިސްދައުރެއް އަދާކުރެއްވި ޝުޢައިބު އަލީ (ފުރަހަނި ޝުއައިބް) ފޮނުއްވި ސިޓީގެ ޖަވާބުގައި އެމްޑީޕީގެ ޗެއާޕާސަން ވަނީ ވަރަށް ޖަޒުބާތީ ސިޓީއެއް ޝުޢައިބަށް ފޮނުވާފައެވެ.

ރާއްޖޭގެ ހުރިހާ މީޑިޔާއަކުން ޝުއައިބު ފޮނުއްވި ސިޓީގެ ޚަބަރުތައް ގެނަސްދީ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އެނާގެ ސިޓީގައި ހުރި ވާހަކަތައް އަރާފައިވާއިރު އެސިޓީއާއި ގުޅިގެން ހަސަން ލަތީފް ޝުޢައިބަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސްގެ މަޤާމަކީ، ޕާޓީގެ އެންމެ އިސް މަޤާމުކަމަށެވެ. ސިޔާސީ ކަންކަމުގައި ޕާޓީ ތަމްޞީލުކުރާ އަދި ޕާޓީގެ ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސްފަރާތަކީ ރައީސް ނަޝީދުކަމަށެވެ. އެހެންކަމުން، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުޙަންމަދު ނަޝީދުގެ ވިސްނުންފުޅު ޕާޓީގެ އާންމު މެންބަރުންނާ ހިއްސާކުރެއްވުމާއި، އެވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ޙަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސައްކަތުގެ މަސްއޫލިއްޔަތެއް ކަމަށް ހަސަން ލަތީފުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ޤާނޫނީ ދާއިރާއިންވެސް ފުންނާބު އުސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިފަދަ އިބާރާތަކުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 75 ވަނަ މާއްދާގެ (ހ) އަދި (ށ ) ގައި ޕާޓީގެ އެންމެ އިސްވެރިކަޔީ ކާކުކަން ވަރަށް ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 75ވަނަ މާއްދާހެ (ހ) ގައި ބުނެފައިވަނީ "ޕާޓީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފަރާތަކީ އޭނާއެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސްއެވެ." މިފަދައިންނެވެ،

އަސާސީ ޤަވާއިދުގެ 75 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ "މިމާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަށްފަހު، އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ ދެން އެންމެ އިސް ފަރާތަކީ، އޭނާއެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ ދެވަނައަށް އެންމެ އިސްފަރާތަކީ ޕާޓީގެ ނާއިބު ރައީސްއެވެ." މިހެންނެވެ.

އެމްޑީޕީގެ ޗެއާޕާސަން މިފަދަ ގޮތަކަށް ޝުޢައިބުގެ ސިޓީގެ ޖަވާބު ދެއްވުމާއި ގުޅިގެން އެމްޑިޕީގެ އާންމު މެމްބަރުންނާއި އެޕާޓީގެ އިސް މަޤާމުތައް މީގެ ކުރިން ފުރުއްވާފައިވާ ބޭފުޅުން ދަނީ މިކަމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

ޝުޢައިބަށް ހަސަން ލަތީފް ފޮނުވި ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ޕާޓީގެ ރައީސް އެދިވަޑައިގެންފައިވާ ކަންކަމަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމުގައި ދެކިވަޑައި ނުގަންނަވާ ކަމަށެވެ. ހަމަ އެއާއެކު، ރައީސް މުޙަންމަދު ނަޝީދު ފޮނުއްވާފައިވާ ސިޓީފުޅަކީ، ތިޔަ ފަރާތުން ދެކިވަޑައިގަންނަވާ ގޮތާ ޚިލާފަށް، ރައީސް މުޙަންމަދު ނަޝީދުގެ އަމިއްލަފުޅު ހައިސިއްޔަތުން އަދި އަމިއްލަ ޚިޔާލުފުޅުގެ މައްޗަށް ލިޔުއްވައި ފޮނުއްވާފައިވާ ސިޓީފުޅެއް ނޫންކަމަށެވެ. އަދި އެސިޓީފުޅަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، ޕާޓީގެ ރައީސްގެ ޚިޔާލުފުޅު ލިޔުއްވައި ފޮނުއްވާފައިވާ ޕާޓީގެ ރަސްމީ ސިޓީއެއް ކަމުގައި ހަސަން ލަތީފު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން