މިއަހަރު ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ 3 ރަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގައެވެ.

ތަރިކައާބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާއާ ގުޅިގެން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލުމުން، ލިބުނު ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ތިން ރަށް ހޮވާފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ މިއަހަރު ގައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާނީ ތިލަދުންމަތީ އުތުރުބުރީ ކެލާ، މާލެއަތޮޅު ގުރައިދޫ އަދި ހައްދުންމަތީ ގަން، މި ތިން ރަށުގައި ކަމަށެވެ.

މި ތިން ރަށް ކަނޑައެޅުމުގައި ބަލާފައިވަނީ "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލާ" އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތްތައްކަމަށް ތަރިކައާއި ބެހޭ ވުޒާރާއިން ބުންޏެވެ.

މިދިޔަ އަހަރު އަޟްހާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރީވެސް އެކަމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިގެންނެވެ. މިދިޔަ އަހަރު އަޟުހާ ޢީދު ފާހަގަކުރީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރާއި މެދުތެރޭ އަތޮޅުތަކުން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫއާއި ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން