އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު
މި ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ޑިމޮކްރަސީގެ ހުޅުކޮޅު ނިވާލުމަށް ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށްދިޔަ އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އެގްޒެކެޓިވް މީޓިންގގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ކުރީގެ ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ ރާއްޖޭގައި މިހާރުއޮތް ސަރުކާރުން ދަނީ ޑިމޮކްރަސީގެ ހުޅުކޮޅު ނިވާލުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މި ސަރުކާރުން ބޭނުންވަނީ ރާއްޖެއިން ޑިމޮކްރަސީގެ އިރު އޮއްސޭ މަންޒަރު ދުށުމަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ހަމައެއާއެކު ޝާހިދު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ އޭރުއޮތް ސަރުކާރުން ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ ޢަމަލުތަކެއް ހިންގާކަމަށް ބުނެ އޮޅުވާލައިގެން ކަމަށެވެ. ނަމަވެސް ވެރިކަމަށް އައިތާ މާގިނަ ދުވަހެއް ނުވެ، ރާއްޖޭގައި ބޭރުގެ ސިފައިން ނެތް ކަމަށާއި، ބޭރު ގައުމުތަކާއެކު އެމްޑީޕީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭކަމެއް ނެތް ކަމަށް މިސަރުކާރުން އަމިއްލައަށް އެއްބަސްވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހަމައެހެންމެ ނިމިދިޔަ ނޮވެމްބަރު މަހު، މަޖިލީހުގެ މެމްބަރުގެ ގޮނޑި ގެއްލިދާނެ ހާލަތްތައް ބަޔާންކޮށް ގާނޫނު އަސާސީއަށް ސަރުކާރު އިސްވެއޮވެ ގެނައި އިސްލާހާއެކު، ޑިމޮކްރަސީގައި ރާއްޖެ އަނެއްކާވެސް އިތުރު ފިޔަވަޅެއް ފަހަތަށް އަޅާފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އެމައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުން މައްސަލަ ބެލޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމުމާއެކު، ޤާނޫނާ ޚިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުކޮށް އެކޯޓު ވާކޮށްފައި ވާކަމަށް ޝާހިދު ވިދާޅުވިއެވެ.



ޝާހިދު ވިދާޅުވީ ޑިމޮކްރަސީއަކީ ރާއްޖެއަށް އިމްޕޯޓް ކޮށްފައިވާ އެއްޗެއް ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތުން އުފާވެރި މާދަމާއެއްގެ އުއްމީދުގައި ބުރަ މަސައްކަތް ކޮށްގެން ގުރުބާންވެގެން ހޯދި ރައްޔިތުންގެ ހައްގެއް ކަމަށެވެ.

އޭގެއިތުރުން ރާއްޖޭގައި މިނިވަން މުވައްސަސާތަކަށް މިނިވަންކަން އޮތީ ހަމައެކަނި ނަމެއްގައި ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައާއި، ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރާ ޒުވާނުންނާއި، ދިވެހި ރައްޔިތުންނާއެކު ތިބުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ޝާހިދު ގޮވާލައްވާފައިވެއެވެ.

އަދި ސަރުކާރުގެ ޢަމަލުތައް ކޮންމެ ގޮތަކަށް ހުރިނަމަވެސް އެމްޑީޕީގެ އަޑު ފަނޑުކޮށް ނުލެވޭނެ ކަމަށާއި، އެމްޑީޕީން ރާއްޖޭގެ ޑިމޮކްރަސީ ސަލާމަތް ކުރުމަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއްވެސް ކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ މިވާހަކަތަކާއި ގުޅިގެން ޚާރިޖީ ވަޒީރު ޑރ. ޚަލީލް މިއަދު ވިދާޅުވެފައިވަނީ، ރާއްޖޭގެ ޙާލަތު ބޭރުގެ ފަރާތްތަކަށް ކިޔައި ދިނުމުގައި އިދިކޮޅު ފަރާތްތަކުން ޙަޤީޤަތް ބުނެދޭނެކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން