ގާނޫނަށް ގެނައި އިސްލާހާ އެކު ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ ތެރެއިން ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ އަދަދު 90 އިންސައްތައަށް ބޮޑުކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް ނިންމީ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށެވެ. އެމްއެމްއޭއިން މިފަހަރު ނިންމި ގޮތުން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެ އޮތޯރިޓީއަށް ވިއްކަންޖެހޭ ބޭރު ފައިސާ 60 އިންސަތައިން 90 އިންސަތައަށް މި ފެށޭ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިތުރުވާނެއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އެ އޮތޯރިޓީއިން ކަނޑައަޅާ އިންސައްތައެއްގެ އަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އެއޮތޯރިޓީއަށް ވިއްކަންޖެހެއެވެ.

އެމްއެމްއޭއިން މިހާރު ވަނީ ބޭރުފައިސާއާއި ބެހޭ ގާނޫނެއް އެކުލަވާލާ ބޭރުފައިސާއިން އާމްދަނީ ލިބޭ ވިޔަފާރި ތަކުން ރާއްޖޭގެ ބޭންކުތަކުން ވަކި މިންވަރެއް މާރުކުރަން މަޖުބޫރުކޮށްފައެވެ. އެގޮތުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން