މ. މަޑުއްވަރީގައި އޭޓީއެމްގެ ޚިދުމަތް ފެށުން
މ. މަޑުއްވަރީގައި އޭޓީއެމްގެ ޚިދުމަތް ފެށުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދެ ދުވަހުގެ ތެރޭގައި މުލަކަތޮޅުގެ 7 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

އޭ.ޓީ.އެމްގެ ޚިދުމަތް ފެށުމަށް އިއްޔެ އާއި މިއަދު މ. އަތޮޅުގެ ރަށްރަށުގައި ބާއްވަމުންދާ ރަސްމިޔާތުތައް ޝަރަފްވެރިކޮށްދެއްވަމުން ގެންދަވަނީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.

މ. އަތޮޅުގެ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައި ދެއްވުމުގެ ގޮތުން، އޭޓީއެމްއިން ފައިސާ ނެންގެވުމަށްފަހު ވަޒީރު ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި ރަމްޒީ ކާޑެއް ހަވާލުކޮށްދެއްވާފައެވެ.

މުލަކު އަތޮޅުގެ ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މި ބުރުގައި 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ. އެއާއެކު މ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އޭޓީއެމްގެ ޚިދުމަތް ލިބިގެން ދާނެއެވެ.

ދެ ދުވަހުގެ ތެރޭގައި މ އަތޮޅުގެ ހަތް ރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، މ އަތޮޅުގެ ދިއްގަރާއި މަޑުއްވަރި އާއި ރަތްމަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވަނީ އިއްޔެ އެވެ. އަދި މިއަދު އެ އަތޮޅު ވޭވަށާއި މުލަކާއި ނާލާފުއްޓާއި ކޮޅުފުށީގައި ވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމް ޚިދުމަތް ދޭން ފަށާފައެވެ.

އޭޓީއެމްގެ ޚިދުމަތް ފެށުމަށް މ. އަތޮޅުގައި ބާއްވަމުންދާ ރަސްމީއްޔާތުތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި، ރަށްރަށުގެ ކައުންސިލުގެ މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން