މިއަދު ޒުވާނުން ބޭއްވި ސައިކަލު ބުރު ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަނީ
މިއަދު ޒުވާނުން ބޭއްވި ސައިކަލު ބުރު ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި މިއަދު ބޭއްވި ސައިކަލު ބުރު ރޫޅާލައި 41 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެއްވުމާ ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މަޖީދީމަގު މާފަންނުުކޮޅުން ފެށި އެ ސައިކަލު ބުރަކީ ޒުވާނުންގެ ސައިކަލު ބުރުގެ ނަމުގައި ރޭވި ހަރަކާތެކެވެ.

ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެއްވުން ހުއްޓުވައި ހައްޔަރުކުރި ޒުވާނުންގެ ސައިކަލްތައް ޓޯކޮށްފައެވެ. ސައިކަލު ބުރު މަޖީދީމަގުގައި ކުރިއަށް ގެންދަން މަސައްކަތްކޮށް ފުުލުހުންގެ ސަފުތައް ފަޅާލަން މަސައްކަތް ކުރުމުން ފުލުހުން ވަނީ ޕެޕާސްޕްރޭވެސް ބޭނުންކޮށްފައެވެ. އެ ހަރާކާތުގައި އިސްކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުންވެސް ބައިވެރިވިއެވެ.

އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ސުޖާއުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްވެސް ވަނީ ސައިކަލު ބުރުގައި ބައިވެރިވެވަޑައިގެންފައެވެ. ފުލުހުން ބާރުގެ ބޭނުންކޮށް ސައިކަލު ބުރު ހުއްޓުވުމުން ސައިކަލު ބުރުގެ ބަދަލުގައި ހިނގާލުމެއް ކުރިއަށް ގެންދިޔުމަށް އެ ފަރާތްތަކުން މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެކަމަށް ވެސް ހުރަސް އަޅާފައެވެ.

ޒުވާނުންގެ މި ސައިކަލު ބުރާއި ގުޅިގެން މާލޭގެ އެކި މަގުތައް ފުލުހުން ވަނީ ބެރިކޭޑް ޖަހާ ބަންދުކޮށްފައެވެ. އެގޮތުން ހޮޓެލް ޖެން ކައިރި އާއި، ރައީސް އޮފީސް ކައިރި އާއި މަޖީދިއްޔާ ސުކޫލާއި ޕީޕިއެމްގެ އޮފީސް ހިމެނޭ ސަރަހައްދާއި ގްރީން ޒޯން ހިމެނޭ ސަރަހައްދު ބަންދުކޮށް ގިނަ އަދަދެއްގެ ފުލުހުން މާލޭގެ މަގުތަކަށް ނެރެފައިވެއެވެ.

ޒުވާނުންގެ ސައިކަލު ބުރުގެ ތެރެއިން މިއަދު ހައްޔަރުކުރި މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަންދޭން އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ވަނީ ނިއްމާފައެވެ. ފުލުހުން މިއަދު ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް އަންގާފައެވެ. އަދި އެންގުމާއި ޚިލާފަށް އެއްވުން ބާއްވާނަމަ އެކަން ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން