ޒުވާނުން ތަކެއް އިސްނަގައިގެން މިއަދު ބޭއްވި ހަރަކާތުން ބަޔަކު ހައްޔަރުކޮށް ފުލުހުންގެ ވެހިކަލް އަށް އަރުވާފަ
ޒުވާނުން ތަކެއް އިސްނަގައިގެން މިއަދު ބޭއްވި ހަރަކާތުން ބަޔަކު ހައްޔަރުކޮށް ފުލުހުންގެ ވެހިކަލް އަށް އަރުވާފަ
ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ކުރިއަށް ގެންދިޔަ ސައިކަލު ބުރުގައި ހައްޔަރު ކޮށްފައިވާ ފަރާތްތައް އެއްވެސް ޝަރުތަކާއި ނުލާ ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ގޮވާލައިފިއެވެ.

'އަޅުވެތިކަމާއި ދެކޮޅަށް" ނަމުގައި މިއަދު ހަވީރު 16:00 ގައި ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި ސައިކަލު ބުރު ބާރުގެ ބޭނުންކޮށްގެން ހުއްޓުވައި އެ ސައިކަލު ބުރުގެ ތެރެއިން 41 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ހުރަސް އެޅުމުން ބައެއް ޒުވާނުން ވަނީ ސައިކަލުތައް ބެހެއްޓުމަށްފަހު، އެ ސައިކަލު ބުރު ހިނގާލުމަކަށް ބަދަލުކޮށްފައެވެ. އެހެން ނަމަވެސް ހިގާލުމަށް ވެސް ފުލުހުން ވަނީ ހުރަސް އަޅާފައެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޒުވާނުން އިސްނަގައިގެން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ސައިކަލު ބުރުގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރު ކޮށްފައިވާތީ އެކަން އެ ދެޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ ހަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ޒުވާނުން ރާވާ އިންތިޒާމު ކުރި ހަރަކާތެއް ކަމަށްވެސް އިދކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.

"ވަރަށް ސުލްހަވެރިކަމާއި އެކު ތިއްބާ ފުލުހުން އައިސް އެމީހުން ހައްޔަރު ކުރުމަށް އަމަލުތައް ބެހެއްޓި ގޮތުން މި މިންގަނޑުތަކާއި ހިލާފުވެފައިވާތީ ކަންބޮޑުވަން" އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައިވެއެެވެ.

މިހަރަކާތުގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެފަރާތްތައް ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. ރާއްޖެ އަޅުވެތި ކުރުމާއި ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހްތިޖާޖުތައް ނުހުއްޓުވުމަށާއި ޤާނޫނު އަސާސީން ލިބިދީފައިވާ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް އިދިކޮޅު ކޯލިޝަންގެ ބަޔާން ނިއްމާލަމުން ސަރުކާރަށް ވަނީ ގޮވާލާފައެވެ. އިދިކޮޅު ކޯލިޝަނުން ވަނީ މިއަދު ބޭއްވި ސައިކަލު ބުރާއި ގުޅިގެން ހައްޔަރުކުރި ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ދޭން ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން