އަނިޔާކުރިޔަސް ގަދަވާނީ ރައްޔިތުންގެ ބާރުކަމަށާއި، ޒުވާނުންގެ އަޑަކީ މުޅި ޤައުމުގެ އަޑު ކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މާލޭގައި އިއްޔެ ބޭއްވުމަށް މަސައްކަތްކުރި ސައިކަލުބުރު ހުއްޓުވައި ގިނަ އަދަދެއްގެ ޒުވާނުންނާއި އަންހެނުން ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ޤާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ އަޑު އުފުލުމަށް ނިކުތުމުން އެކަން ހުއްޓުވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ. ސުލްހަވެރިކަމާއިއެކު ބޭއްވުމަށް މަސައްކަތްކުރި ސައިކަލުބުރު ހުއްޓުވައި ފުލުހުން މެދުވެރިކޮށް ދިވެހި ސަރުކާރުން ރައްޔިތުންގެ މައްޗަށް ހިންގާފައިވަނީ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއްކަމަށް ޖަމީލް ވިދާޅުވިއެވެ.

ރާއްޖޭގައި މިއަދު ކަންކަން ދާގޮތުން އަދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހައްގުތައް ސަރުކާރަށް ފޯރުކޮށް ނުދެވޭނަމަ ރައްޔިތުން އަދިވެސް މަގުތަކަށް ނުކުންނާނެކަމަށް ޖަމީލް ވިދާޅުވިއެވެ. ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ބާރުގެ ބޭނުންކޮށް ކުރާ މަސައްކަތަކީ އަބަދު ކާމިޔާބްވާނެ މަސައްކަތެއް ނޫންކަމަށާއި ދިވެހި ރައްޔިތުން ތިބީ ބޭނުންހާ އެއްޗެއްވާން ދޫކޮށްލާ ގޮތަކަށް ނޫންކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

"ޒުވާނުންގެ ޞުލްޙަވެރި ހަރަކާތަށް ހުރަސްއެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހިންގެވި އަނިޔާވެރި، ދުސްތޫރާ ޚިލާފް ޢަމަލެއް. ހާލަތާ ނުބައްދަލު ބާރުބޭނުންކޮށް ޒުވާނުންތަކެއް ހައްޔަރުކުރުމަކީ ފިނޑި، ނާތަހުޒީބު ޢަަމަލެއް. އަނިޔާކުރިޔަސް ގަދަވާނީ ރައްޔިތުންގެ ބާރު. ޒުވާނުންގެ އަޑަކީ މުޅި ޤައުމުގެ އަޑު." ޑރ.ޖަމީލް ވިދާޅުވިއެވެ.

އިއްޔެ ފުލުންވަނީ ޕެޕާސްޕްރޭ ބޭނުންކޮށް ސައިކަލު ބުރު ހުއްޓުވައި ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. ބައެއް ޒުވާނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ބިއްމައްޗަށް ވައްޓާލައި ބިޑި އަޅުވައިގެން ވަރަށް އަނިޔާވެރިކޮށް ގެންދިޔަ މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ.

ފުލުހުން ވިދާޅުވީ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލެއްގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އެއްވުމާ ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އިއްޔެ ހަވީރު މާލޭގެ ރަސްފަންނުން ފެށުމަށް މަސައްކަތްކުރި މިސައިލަކް ބުރު ފުލުހުންވަނީ ހުއްޓުވާފައެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޙަސަން ސޮބްރީ

14-Sep-2020

ޖަމީލު ބޭތުކޮށްލާަފަ މިސަރުކާރު ވެރިކަމަށް ގެނައީ ރައްޔިތުން. ޖަމީލަކީ ރައްޔިތުން އެއްވެސް ވަރަކަށް ބަލަިގަންނަ މީހެއްނޫން. ކީކޭތޯ ވިދާޅުވާނީ?



ޓްރެންޑިން