ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

އެޗްއީއޯސީން ވިދާޅުވީ މިމީހާ ނިޔާވެފައިވަނީ ރޭ މެންދަމުން އަލިވެ 3.55 ގައިކަމަށެވެ. ނިޔާވީ ޢުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 32 ވަނަ މީހާއެވެ.

އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވީ މިމަހުގެ 9 ދުވަހުގައެވެ. މިބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 25 ދިވެއްސަކާއި 7 ބިދޭސީންނެވެެ.

ކޯވިޑް 19 އަށް މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ މީހުންނަށް ބަލާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ދެ މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، އެ ދެމީހުންވެސް އޮތީ ވެންޓިލޭޓަރުގައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި 3 މީހަކަށް އަދި 20 ވަނަ ފަންގިފިލާގައި އެކަކަށް، ވޯޑުގައި ފަރުވާދެމުންދާއިރު، ޕްރައިވެޓް ވޯޑް-5 ގައި 2 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 103 މީހަކަށް މިވަގުތު ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން 100 މީހުންނަށް ފަރުވާދެމުންދަނީ ވޯޑުގައެވެ. އަދި 3 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

ރާއްޖޭގައި މިހާރުވަނީ ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9000 އަށްވުރެ މައްޗަށް އަރައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން