ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ ވާހަތަކެއް ކަމަށާއި، ދިވެހި ސިފައިން މިފަސް ގަނޑަށް ޣައްދާރު ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް ސައުދު ވިދާޅުވީ މިޤައުމުގެ ސިފައިންނަކީ މިފަސްގަނޑު ދެކެ ލޯބިވާ ދިވެހި ރައްޔިތުންކަމަށެވެ. މި ފަސްގަނޑު ބޭރުގެ ބަޔަކަށް ދިނުމަށް އުޅޭކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ސައުދު ވިދާޅުވީ ސިޔާސީ މަންފާތަކަށްޓަކައި ދައްކަންޖެހޭ ވާހަތަކާއި ދައްކަން ނުޖެހޭ ވާހަތައް ހުންނާނެކަމަށެވެ.

މިޤައުމުގެ އަސްކަރިއްޔާއަކީ ޚާއްސަ ތަމްރީން ތަކެއް ލިބިފައިވާ ޤައުމު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ބަޔަކަށްވާއިރު މިޤައުމުގެ ރައްކާތެރިކަން ދަމަހައްޓަން އެހެން ބަޔަކު ބޭނުން ނުވާކަމަށް ސައުދު ވިދާޅުވިއެވެ. އަދި އެފަދަ މަސައްކަތެއް ކުރާ ބަޔަކު މިފަސްގަޑަށް ނުވެސް ގެންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ވަކި މަޤްސަދެއްގައި މިއަދު ސިޔާސީ ގޮތުން އެކި އެކި ޝިއާރުތައް ބޭނުން ކުރަމުންދަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫންކަމަށް ސައުދު ވިދާޅުވިއެވެ.

"ބަޔަކު އެބަކިޔާ އައުޓޭ. ރާއްޖޭގެ ސަލާމަތީ ބާރުތައް ތިބީ ހަމަ ހިމޭނުން ކުޅިބަލަންތޯ؟ ކާކުތޯ ޤަބޫލުކުރަނީ މިނިވަންކަން ގެއްލޭއިރު ބަލަން ތިބޭނެކަމަށް. ދިވެހި ސިފައިން ޤައުމަށް ޣައްދާރު ނުވާނެކަން %100 ޔަގީން. ސިޔާސީ މަންފާއަށް ޕޮލިޓިކަލް ޖެއްސުން ހުއްޓާލާ." ސައުދު ވިދާޅުވިއެވެ.

ރާއްޖެއާ އެންމެ އެކުވެރި އެއްޤައުމު ކަމުގައިވާ "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިޔާގައި ފަށާފައިވާ ކެންޕޭނާއި ގުޅިގެން ގިނަބައެއްގެ ނުތަނަވަސްކަން އުފެދި މިކަމުގައި ދަނީ އެކި ގޮތްގޮތަށް ސުވާލު އުފައްދަމުންނެވެ. ނަމަވެސް ސަރުކާރުން މިކަމުގައި ބުނެފައިވަނީ އިންޑިއާ ސިފައިން މިޤައުމުގައި ތިބެނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިން ޚާއްސަ ޓްރެނިންތައް ހެދުމަށާއި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުވުމަށް ކަމަށެވެ. މިތަމްރީން ތަކަކީ މީގެ އެތަކެއް އަހަރެއް ކުރިން ފެށިގެން ކުރިއަށް ގެންދާ ތަމްރީންތަކެއްކަމަށް އަސްކަރިއްޔާއިންވެސް ވަނީ ބުނެފައެވެ.

ރާއްޖޭގައި ބޭރުގެ ސިފައިން ނުވަތަ އިންޑިއާ ސިފައިން ހަތިޔާރާއެކު އުޅެމުންދާ ކަމަށް ދެކެވޭ ވާހަކަތައް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ ދޮގު ކުރައްވާފައެވެ. ޝަމާލް ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ ހަތިޔާރު އެޅި ސިފައިން ނުތިބޭނެކަމަށާއި، ނަމަވެސް ތަމްރީން ތަކުގައި ދެޤައުމުގެ އެއްބަސްވުމާއި އެއްގޮތަށް ހަރަކާތްތެރިވާ ސިފައިން ތިބޭނެކަމަށެވެ.

ރާއްޖެއަށް އިންޑިއާ ސަރުކާރުން ހަދިޔާކުރި ދެ ހެލިކޮޕްޓަރ ބަލަހައްޓައި ދުއްވުމަށް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭތާ އަހަރު ތަކެއް ވެއްޖެއެވެ. މިހާރު އިދިކޮޅުގައި ތިބި ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން މިމައްސަލަ ނަގައިގެން އެކަމަށް ފާޑު ކިޔަމުންދާއިރު މި ދެހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރާއި އެއާއެކު އައި އިންޑިއާގެ ސިފައިންނަކީ ޕީޕީއެމްގެ ސަރުކާރުގައި ރާއްޖެއައި ބައެކެވެ. ނަމަވެސް އޭރު އެކަމާ ފާޑުކިޔާހަދައި އިންޑިއާ ސިފައިން ބޭރުކުރަން ކެމްޕޭން ކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ސަތަރު

15-Sep-2020

ސައުދު ހޭލާބަލަ. ހަމައިގެ ނެތިއްޔާ ގޮވޭނީ ތިޔަކަހަލަ ކޮސް.


8

ގުއިއްޒުު

14-Sep-2020

ބަގާވާތް ކުރަން އުޅޭ މީހުންނާ ބައިވެރިވުން ޖޭޕީއަށް އެއްމެ މޮޅުގޮތަކީ. އެކަން ކުރަން ޖޭޕީގެ ތަޖުރިބާ ހުންނާނެ.



ޓްރެންޑިން