ކޯވިޑް-19 މިއަދުގެ އަދާހަމަ
ކޯވިޑް-19 މިއަދުގެ އަދާހަމަ
ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް 121 މީހުން ޕޮޒިޓިވްވެ 271 މީހުން ބަލިން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ އަދަދު މިއަދު އިތުރުވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 9173 އަށް އަރާފައެވެ. ރާއްޖެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 75 ދިވެހިންނާއި 46 ބިދޭސީންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1809 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 102 މީހުން ޕޮޒިޓިވް ވެފައި ވަނީ މާލޭ ސިޓީ ސަރަހައްދުންނެވެ. އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވް ވެފައިވަނީ 19 މީހުންނެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް 130356 ސާމްޕަލް ނަގާފައިވާ ކަމަށެވެ. ބަލިޖެހިފައިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ބަލަހައްޓަމުން ގެންދަނީ 113 މީހުންނެވެ. އަދި މިވަގުތު އައިސޮލޭޝަންގައި ތިބީ 1087 މީހުންނެވެ.

ވޭތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 271 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 7326 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭއިން ބުނީ 32 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 21 ފަތުރުވެރިންނާއި 48 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ. އަދި މިވަގުތު އެކްޓިވް ކޭސަސް ހުރި ރަށްތަކުގެ ޢަދަދަކީ 25 އެވެ.

ބަލީގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިހާތަނަށް 32 މީހަކު ވަނީ ކޯވިޑް-19 ގައި ރާއްޖެއިން މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން