ޕްރިންސިޕަލުން ވަޒީފާއަދާ ކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އުޞޫލު ތަންފީޒު ނުކުރުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމާ ބެހޭގޮތުން އަލަށް ތަޢާރަފުކުރި އުޞޫލުގައިހުރި ބޮޑެތި މައްސަލަތަކާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އެ އުޞޫލަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ ޙައްޤުތައް ނިގުޅައިގަނެ ވަޒީފާގެ ރައްކާތެރިކަން ގެއްލި، ވަޒީފާއާބެހޭ ޤާނޫނާއި ސިވިލް ސާރވިސް ޤާނޫނާއި ފުށުއަރާ އުޞޫލެއްކަމަށެވެ. މި އުޞޫލުގެ ސަބަބުން ދިވެހި ޕްރިންސިޕަލުން ތަޢުލީމީ ދާއިރާ ދޫކޮށްލަފާނެކަމުގެ ކަންބޮޑުވުން އުފެދި، އަދި މި އުޞޫލުގެ ސަބަބުން ސްކޫލްތަކަށް ޤާބިލު ޕްރިންސިޕަލުން ލިބުން ދަތިވެ، ސްކޫލްގެ ހިންގުން ދަށްވެ، ދަރިވަރުންގެ ކިޔެވުމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާމެދު ބެލެނިވެރިންނާއި ޓީޗަރުން ކަންބޮޑުވާކަމަށް ބުނެފައިވެއެވެ.

އުޞޫލުގެ މަޤުޞަދުގެ ތެރޭގައި، ދިގު މުއްދަތަކަށް އެއްސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ޙައްލުހޯދުން ކަމުގައި ބުނެފައިވީނަމަވެސް، ދިގު މުއްދަތަކަށް ޕްރިންސިޕަލުން މަސައްކަތްކޮށްފައިވާ ގިނަ ސްކޫލްތަކަކީ ރާއްޖޭގައި ކާމިޔާބު ސްކޫލްތަކުގެ ލިސްޓްގެ އެންމެ ކުރީގައި ގުނާލެވޭނެ ސްކޫލްތައްކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. އެ އުޞޫލުގައި، ގިނަ ދުވަހު ޕްރިންސިޕަލުން ތިބޭ ސްކޫލްތަކުގައި ނޭދެވޭ މައްސަލަތައް އުފެދޭކަމަށް ބަޔާންކޮށްފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތިކަންވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

"ދިވެހި ސިވިލް ސަރވިސް ހިންގަންވާނީ ސިޔާސީ މަސްލަޙަތުތަކުން އެކަހެރިވެފައިވާ، ވަކި ފަރާތެއްގެ ނުފޫޒަށް ތަބާނުވާ އަދި ވަކި ފަރާތެއްގެ ރުހުން ހޯދަން މަސައްކަތްނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ޚިދުމަތް ފޯރުކޮށްދޭ، އަދި މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅޭ، މަސައްކަތުގެ މާހައުލެއްގައިކަމަށް، ސިވިލް ސަރވިސްގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މި އުޞޫލުގެ ސަބަބުން އިސްވެ ބަޔާން ކުރެވުނުފަދަ މާޙައުލެއް ނޯންނާނެއެވެ. އަދި، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްވެސް އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް ކުރުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވެއެވެ." އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި، ވަޒީފާ ބަޔާނުގައި ވަޒީފާ އަދާކުރަންޖެހޭތަން، އޮންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު އަދި ސިވިލް ސަރވިސްގެ މުވައްޒަފުން ހޯދުމަށް ކުރާ އިޢުލާނުގައި، ވަޒީފާ އަދާކުރަންޖެހޭތަން ބަޔާންކުރުމަކީ، ވަޒީފާއަށްއެދި ކުރާ އިޢުލާނުގެ އަސާސީ ސިފައެއްކަމަށްވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ވެއެވެ. ނަމަވެސް ޕްރިންސިޕަލުންގެ މަގާމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ މަގާމެއްގެ ގޮތުގައި ހަމަޖައްސައި، ޕްރިންސިޕަލް ވަޒީފާ އަދާކުރަންޖެހޭ ތަނެއް ނޭނގޭގޮތަށް އެކުލަވާލާފައިވާ މި އުޞޫލަކީ އެއްވެސް ޤާނޫނީ ބެލެނިވެރިކަމެއް ލިބިފައި ނެތް، ވަޒީފާއާއިބެހޭ ޤާނޫނާއި، ސިވިލް ސާރވިސްގެ ޤާނޫނާ ގިނަ ފުށުއެރުންތަކެއްހުރި، ޤާނޫނުއަސާސީއާއި ވަޒީފާއާބެހޭ ޤާނޫނާއި ސިވިލް ސަރވިސްގެ ޤަވާއިދުތަކުން މަނާކޮށްފައިވާ އެތައްކަމަކަށް، ފުރުޞަތު ހުޅުވާލެވޭ އުޞޫލެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައި ވެއެވެ.

އަދި "ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލް ކަނޑައަޅާ ކޮމިޓީ" އަށް ދީފައިވާ ބާރުތަކަކީ ސިވިލްސަރވިސްގެ ޤާނޫނާވެސް ފުށުއަރާ، އަދި ކޮރަޕްޝަނާއި މަގާމުގެ ނުފޫޒުގެ ބޭނުންކުރުމަށް މަގުފަހި ކޮށްދޭނެ ބާރުތަކެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"ސަރުކާރުން އަލަށް ތަޢާރަފްކުރި މި އުޞޫލްގެ ސަބަބުން، ޕްރިންސިޕަލުންގެ ވަޒީފާގެ ބިރުވެރިކަން ބޮޑުވެ، ނޭދެވޭ ނުފޫޒުތައް އިތުރުވެ، ތަޢުލީމީ ދާއިރާއާމެދު މާޔޫސްވެ، ދިވެހި ގިނަ ޕްރިންސިޕަލުން ތަޢުލީމީ ދާއިރާ ދޫކޮށްލާނެކަމުގެ ބިރު އުފެދިފައިވާތީއާއި މި އުޞޫލްގެ ސަބަބުން، ތަޢުލީމީ ދާއިރާ ހަރުދަނާވުމުގެ ބަދަލުގައި ދާއިރާ އިތުރަށް ހީނަރުވެ، ސްކޫލްތަކުގެ ހިންގުން އިންތިހާއަށް ބޮއްސުން ލައިގެންދާނެކަމެއް ކަމަށް ފެންނާތީ، ދިވެހި ހީވާގި ޕްރިންސިޕަލުންގެ ވަޒީފާގެ ޙައްޤުތައް ރައްކާތެރިކޮށް، އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާ، މިއުޞޫލާމެދު ޕްރިންސިޕަލުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރެއްވުމަށާއި މިއުޞޫލު ތަންފީޒު ނުކުރުމަށް ސަރުކާރަށް ގޮވާލަމެވެ." އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި މި އުސޫލުގައި ބުނާ ގޮތުން ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ވަޒީފާ އަދާ ކުރެވޭނީ ގިނަ ވެގެން ހަތަރު އަހަރުގެ ދެ ޓާމްގައެވެ. އަދި ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލެއް ކަނޑައަޅާނީ އެކަމަށް ޚާއްޞަ ކޮމިޓީއަކުންނެވެ. ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ރަށަކާއި ސްކޫލެއް ކަނޑައެޅުމުގެ ހުރިހާ ބާރެއް ދީފައިވަނީ މި ކޮމިޓީއަށެވެ. މި އުސޫލުން ޕްރިންސިޕަލުންނަށް އެއްވެސް އިހުތިޔާރެއް ނެތެވެ.

މިއުސޫލުގެ ސަބަބުން ދިވެހި ޕްރިންސިޕަލުން ވަޒީފާއާއި ދުރަށްގޮސް ނޫނީ ވަޒީފާ ގެއްލި ބިދޭސީ ޕްރިންސިޕަލުންގެ އަތްމައްޗަށް ރާއްޖޭގެ ސްކޫލްތައް ދިއުމުގެ ބިރުވެރިކަމާއި ކަންބޮޑުވުން އޮތް ކަމަށް ތަޢުލީމީ ދާއިރާގެ ބައެއް ބޭފުޅުންވެސް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން