ފެނަކައިގެ ވަޒީފާއެއްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒިފަކު ވަޒީފާއިން ކަނޑާލުމަށްފަހު އަލުން އަނބުރައި އެވަޒީފާ އޭނާއަށް ދޭން ގުޅައި ކަނޑައެޅި ޝަރުތަކީ ޑީއެމްޑީއަށް "ވަގަށް" ގޮވުންކަމަށް އޭނާ ބުނެފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފެނަކައިގެ ސީނިއަރ އޮފިސަރ އަހުމަދު ރަޝީދު (ދޮންކޮޅު) ވަޒީފާއިން ކަނޑާލާފައިވަނީ އަޚްލާގީ މައްސަލަތަކެއްގައި ކަމަށްބުނެއެވެ. އެމްޑީޕީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައިވެސް މަސައްކަތްކުރާ އަހުމަދު ވަނީ ބައެއް މީޑީޔާތަކުގައި އޭނާ ކަނޑާލާފައިވަނީ ފެނަކައިގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންތައް ހިންގާތީ އެކަންކަމުގެ ވާހަ ދައްކާތީ ކަމަށް ބުނެފައެވެ.

އަދި އޭނާއަކީ ފެނައިކައިގެ ޑީއެމްޑީ އިބްރާހިމް ވަހީދު (އިބުރޭ) އާއި ގާތް ގުޅުމެއް އޮންނަ މީހަކަށްވުމަކީވެސް ތަނުގެ ބައެއް ވެރިންނަށް ހިތްހަމަ ޖެހޭ ކަމަކަށް ނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ މަސައްކަތް ކުރި ޑިޕާޓްމަންޓް ހެޑްވެސް، އެކި ފަހަރު މަތީން ޑީއެމްޑީއާއި ގާތް ގުޅުމެއް ބާއްވާނަމަ ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރު ދެމުން ގޮސްފައިވާކަމަށް ބުނެފައި ވެއެވެ.

ދޮންކޮޅު ބުނެފައިވަނީ ވަޒީފާއިން ކަނޑާލިތާ ދުވަތަކެއް ފަހުން އިއްޔެ އޭނާއަށް ގުޅާފައި ވަޒީފާ ހަމަޖެހެން އޮތްވާހަކަ ބުނެފައިވާކަމަށެވެ. އަދި ވަޒީފާ ހަމަޖެހެން އޮތް ޝަރުތަކީ ޑީއެމްޑީއަށް ވަގަށް ގޮވުންކަމާއި، އަދި ޑީއެމްޑީއަކީ ކޮރަޕްޓް މީހެއްކަމަށްބުނެ ޓްވީޓް ކުރުމަށްވެސް އޭނާއަށް ޝަރުތު ކުރިކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އޭނާ ވަނީ ފެނައިކައިގެ މިޝަރުތާއިއެކު ވަޒީފާއަށްދާން ބޭނުން ނުވާކަމަށްބުނެ އެފަދަ ޝަރުތަކާއިއެކު ވަޒީފާ ބޭނުން ނުވާކަމަށް ބުނެފައެވެ. އަހުމަދުގެ މިވާހަކައާއި ގުޅިގެން ފެނަކައިން މިހާތަނަށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ސަރުކާރުގެ ބައެއް ވުޒާރާތަކާއި ކުންފުނިތަކުގައި ތިއްބެވި ވެރިންގެ މެދުގައި ބޮޑެތި ޚިޔާލް ތަފާތުވުންތައް އުފެދި އޭގެ ދަށުން މަސައްކަތް ކުރާ މުވައްޒިފުންނަށް އެކަމުގެ ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށް ސޯޝަލް މީޑިއާގައި ފާހަގަ ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން