ދިވެހި ރާއްޖެ އެކި ހާލަތްތަކުގައި ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި އަހަރުތަކެއް ހޭދަ ކޮށްފައިވާކަމަށާއި، ނަމަވެސް މިއަދު ރާއްޖެ މިދެކޭ އަނެއް ދިވެހި ރާއްޖޭގައި މިއޮތީ ކޮރަޕްޝަންގެ ސުނާމީއެއްގެ ތެރޭގައިކަމަށް ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

އިންސާނީ ހައްގުތަކާއި، ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުލައި އެކަންކަމުގައި ވަކާލާތު ކުރައްވާ ޑރ.އަހުމަދު ޝަހީދު މިފަދަ މޭރުމަކުން މިހާރުގެ ސަރުކާރާއި މުހާތަބު ކުރައްވާފައިމިވަނީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިތުރުވަމުން ގޮސް ސަރުކާރަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްޕާސަން ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު ކަމާއި ސަރުކާރުގެ އެހެނިހެން އިސް މަގާމުތައް ފުރުއްވާފައިވާ ޑރ.ޝަހީދު ވިދާޅުވީ 1939 އިން 1945 އަށް ދިވެހި ރާއްޖެ އޮތީ ހަނގުރާމައިގެ ބޮޑު ވިލާގަނޑެއްގެ ދަށުގައިކަމަށެވެ. އެދުވަހު ހަނގުރާމައިގެ ކަންކަމުން އަރައިގަތުމަށް ބޮޑެތި މަސައްކަތްތަކެއް، ގުރުބާނީތަކެއް ވެފައިވާއިރު މިއަދު ފެނިގެން މިދަނީ 2020 އިން ވަކި ތާރީހެއް ނެތް ގޮތަށް ރާއްގެ ކޮރަޕްޝަންގެ ބޮޑު ބިޔަ ސުނާމީއެއްގެ ތެރޭގައި އޮތް މަންޒަރުކަމަށެވެ.

"1939-45 ދިވެހި ރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި. 2020-؟ ދިވެހި ރާއްޖެ ކޮރަޕްޝަންގެ ސުނާމީއެއްގެ ތެރޭގައި، އަނެއް ދިވެހިރާއްޖެ." ޑރ.ޝަހީދު ވިދާޅުވިއެވެ.

މިސަރުކާރަކީ ވައްކަމާއި ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ކަމަށްބުނެ ވެރިކަމަށް އައި ބަޔަކަށްވާއިރު، މިހާގިނަ ބޮޑެތި ކޮރަޕްޝަން ހިންގާފައިވާ ސަރުކާރެއް ނެތްކަމަށް ސަރުކާރުގެ ބައެއް ބޭފުޅުންނާއި އިދިކޮޅުންވެސް ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މިފަދަ ބޮޑެތި ވައްކަންތައް ކުރަމުންދަނީ ސަރުކާރުގެ ބާރުހުރި އިސް ބޭފުޅުންގެ ބައިވެރިވުމާއި އެކުގައި ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޝަހީދު މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ހާމިދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ މެނޭޖްމަންޓްގައި އޮންނަން ޖެހޭ އަހްލާގީ މިންގަނޑެއް މިހާރަކު ނެތް ކަމަށެވެ. ކޮރަޕްޝަން އިތުރުވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ވެރިންގެ ގޮތުގައި ތިބި "ވަގު ބްރޯތައް" ބޭރު ކުރަންޖެހޭކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް ނުސީދާ ރައްދެއް ހާމިދު ވަނީ ދެއްވާފައެވެ.

ރައްޔިތުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މަޤާމުން ވަކިކުރުމުގެ މަސައްކަތް ކުރައްވާއިރު، ރައީސް ޞާލިހު ދަނީ ފައްޔާޒުގެ މަޤާމު ދިފާއު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ރައީސް ނަޝީދުގެ އެންމެ ޒަމާންވީ އެކުވެރިޔާކަމަށް ބުނާ ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ސިޔާސީ މި ފުށުއެރުމަކީ ނުވަތަ ދެބަސް ވުމަކީ ދެބޭފުޅުންގެ ޒަމާންވީ ގުޅުމަށާއި، އެކުގައި ކުރަމުން އައި ސިޔާސީ މަސައްކަތްތަކަށްވެސް އެޅޭނެ ވަރަށްބޮޑު ހުރަހެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން