ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓްތަކުގައި ހުރި ހުރިހާ ފައިސާގެ ތެރެއިން މަނީލޯޑާކުރިކަމަށް ބުނާ އެއް މިލިޔަން ޑޮލަރު ފުރަތަމަ ދުވަހުން ފެށިގެން އޭސީސީގައި ހުރީ ބެހެއްޓިފައިކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރެވެން ނެތްކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ސްޕްރީމްކޯޓުގައި އިސްތިއުނާފުކޮށް، މިއަދު ކުރިއަށް ދިޔަ އަޑު އެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިމައްސަލަޔަކީ ވަކި ކަމަކާއި ނުވަތަ ވަކި ފައިސާތަކަކާއި ގުޅުންހުރި ފައިސާތަކެއްގެ މައްސަލަޔަކަށްވާއިރު އެފައިސާ ހުރީ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭސީސީން އެދުނު ގޮތަށް އޭސީސީގެ އެކައުންޓުގައި ބެހެއްޓިފައިކަމަށެވެ.

"މިހާރުވެސް 1 މިލިޔަން ޑޮލަރު ހުރީ އޭސީސީއެކައުންޓްގަ. އެހެން އެކައުންޓްތައް މިމައްސަލައިގެ ދަށުން ފްރީޒް ކުރެވޭނެ ޤާނޫނީ އިޖުރާތެއް ނެތް. ބޭންކިންގ ގާނޫނުގެ ދަށުން ބޭންކް އެކައުންޓެއް ފްރީޒެއް ކުރެވޭކަމަށް ނުބުނޭ. އެކަން ކުރަންޏާ ކުރެވޭނީ ޖިނާއީ އިޖުރާތުގެ ޤާނޫނުގެ ދަށުން. އޭސީސީގައި އެއްމިލިޔަން ޑޮލަރު ބެހެއްޓިފައި ވަނިކޮށް ދައުލަތުން އެއްމިލިޔަން ޑޮލަރު ގެއްލިނާދެކަމަށް ބުނުމަކީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއް. މައްސަލަ ވުޖޫދު ވެގެން އައި ދުވަހުން ފެށިގެން ވަނީ މިފައިސާ އޭސީސީގައި ބެހެއްޓިފަ. މިޔަކު ދައުލަތަށް ގެއްލޭނެ އެއްޗެއްނެތް." ރައީސް ޔާމީން ވިދާޅުވިއެވެ.



ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލް ކުރުމުން ދަޢުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އަޑުއެހުމުގައި ފަނޑިޔާރުންގެ ޕެނަލުން ވަނީ ވަރަށްގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. މިމައްސަލާގައި ޕީޖީ އޮފީހުގެ ވަކީލުން ވިދާޅުވީ ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ ބާތިލުކުރީ އެ މައްސަލާގައި ވުޖޫދުގައިވާ ހުރިހާކަމަކަށް ބަލައިގެން ނޫންކަމަށެވެ. ދައުލަތުގެ ފަރާތުން ވަނީ ޔާމީންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފާއިވާ އެކައުންޓާއި މޮރީޝަސް ކޮމާޝަލް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުތައް ވެސް ފްރީޒުކުރުމަށް އެދިފައެވެ.

މީގެއިތުރުންވެސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ޔާމީންގެ 8 އެކައުންޓް ފްރީޒު ކުރުން ހުއްޓުވި ހައިކޯޓުގެ ހުކުމް ބާތިލުކުރުމަށް ޕީޖީން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ. ދަޢުލަތުން ބުނީ އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އަށް އެކައުންޓެއް ފްރީޒްކުރަން ކުރި ހުކުމް ބާތިލު ކުރުމުގެ ސަބަނުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށް ގަބޫލުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރަކީ ރަނގަޅު އަމުރެއްކަމަށް ކަނޑައަޅައި ފައިސަލާ ކުރުވަނިވި ހުކުމެއް ކޮށްދިނުމަށް އެދޭ ކަމަށެވެ.

އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ މާނަ ކޮށްދިނުމަށް ވެސް ޕީޖީ އޮފީހުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ. މިކަމާއި ގުޅިގެން ރައީސް ޔާމީނުގެ ވަކީލުންނާއި ދައުލަތުގެ ވަކީލުންވަނީ އެފަރާތްތަކަށް ފެންނަގޮތް ކޯޓުގައި ހިއްސާކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން ބަލާ މިމައްސަލާގައި ދައުވާލިބޭ އަބްދުﷲ ޔާމީންގެ ފަރާތުން ވިދާޅުވީ، މިމައްސަލާގައި ހައިކޯޓުން ޙުކުމް ކުރީ ރިއާޔަތްކުރަންޖެހޭ ހުރިހާކަމަކަށް ރިއާޔަތްކޮށްގެންކަމަށް ޤަބޫލުކުރާކަމަށާއި، މިމައްސަލާގައި ދައުލަތައް ލިބެންޖެހޭ ފައިސާއެއް ގެއްލިދާނެކަމަށް ޕީޖީން ވިދާޅުވިނަމަވެސް އެންޓިކޮރަޕްޝަން ކޮމިޝަނުގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓެއްގައި އެފައިސާ ވަނިކޮށް ގެއްލިދާނެކަމަށް ޤަބޫލުނުކުރާ ކަމަށެވެ. އެހެން ކަމުން ހައިކޯޓުގެ އަމުރަށް ތާއީދު ކޮށް ދިނުމަށް ޔާމީންގެ ވަކީލުންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން