ފްރަންޓްލައިން އެލަވަންސް މައްސަލައިގައި ހުޅުމާލޭގައި ނަރުހުން އިހުތިޖާޖްކުރަނީ
ފްރަންޓްލައިން އެލަވަންސް މައްސަލައިގައި ހުޅުމާލޭގައި ނަރުހުން އިހުތިޖާޖްކުރަނީ
ފްރަންޓްލައިން އެލަވަންސް ނުލިބޭ މައްސަލައިގައި ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ގެންދާ ނަރުހުންތަކެއް އިހްތިޖާޖް ކުރުމުން މަގާމު ދަށްކުރި ވޯޑްތަކުގެ ސީނިއާ ވެރިން، ކުރިން ތިބި މަގާމަށް އަލުން ރުޖޫޢަކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ ނަރުހުންނާއި ސިއްޙީ ޚިދުމަތްތެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ފްރަންޓްލައިން އެލަވަންސް ދިނުމުގައި ސަރުކާރުން ތަފާތު ކުރުންތައް ގެންގުޅޭތީ އެކަމާމެދު ހިތްހަމަ ނުޖެހިގެން، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ގެންދާ ނަރުހުންތަކެއް އިހްތިޖާޖް ކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި އިހުތިޖާޖާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގެ ވޯޑްތަކުގެ ސީނިއަރ ނަރުހުންގެ ގޮތުގައި ތިބި ނަރުހުންގެ މަގާމު ދަށްކުރުމަށްފަހު މިހާރު ވަނީ ކުރިން ވެސް އެމީހުން ތިބި ގޮތަށް މަގާމު އިއާދަކުރިކަން ސިޓީއަކުން އަންގާފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ސީއީއޯ ސޮއިކުރަށްވައި ނަރުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ނަރުހުންގެ މަގާމު ދަށްކުރަން ނިންމި ނިންމުމަކީ ރަނގަޅަށް އެޅުނު ފިޔަވަޅެއް ނޫންކަމަށް ގަބޫލުކުރާތީ ކުރިން ނަރުހުން ތިބި ވަޒީފާ އިއާދަކޮށްފައިވާ ކަމަށެވެ. ނަރުހުންގެ މަގާމު ރުޖޫއަ ކުރުމަށްފަހު މިމަހުގެ ތިރީސް ވަނަ ދުވަހުގެ ފަހުން އެމަގާމު ތަކަށް އަލުން އިއުލާންކޮށް ނަރުހުންގެ އާ އޮނިގަނޑާއި އެއްގޮތަށް ނަރުހުން ނަގާނެ ކަމަށް ވެސް ހުޅުމާލޭ ހޮސްޕިޓަލުން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ކުރިން ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިނުމަށް ނިންމި ފްރަންޓްލައިން އެލަވަންސް ނުލިބޭ ކަމަށް ބުނެ، ހުޅުމާލޭގެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުން މުޒާހަރާ ކުރި މައްސަލައިގައި ފިޔަވަޅު އެޅުމަކީ އެމީހުންނަށް ދިން އަނިޔާއެއް ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ވަނީ ބުނެފައެވެ. އެމްއެޗްޕީޔޫ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަސައްކަތްތެރިން އެމީހުންގެ ހައްގުތައް، ހޯދުމަށް އިހްތިޖާޖްކުރުމަކީ، ގާނޫނީ ގޮތުން ލިބިގެންވާ ހައްގެއް ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލްގެ މުއައްޒަފުން ކުރި އިހްތިޖާޖްއާ ގުޅިގެން އިއުލާންކުރެވި، ހޮވިފައިވާ މަގާމްތަކެއްގައި ތިބި މުއައްޒަފުން، ޑީމޯޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްއެޗްޕީޔޫގެ ޓުވީޓުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މުޒާހަރާ ކުރުމަކީ އަސާސީ ހައްގަކަށްވާ އިރު، އިހުތިޖާޖްކޮށް ޝުއޫރު ފާޅު ކުރުމުން އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށެވެ. މިކަމާއި ގުޅިގެން ޕްރޮގުރެސިވް ކޯލިޝަނުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި ނަރުހުން މަގާމު ދަށް ކުރުމަށް ނިއްމި ނިއްމުން އަނބުރާ ގެންދިޔުމަށް ގޮވާލާފައެވެ.

ފިނޭންސް މިނިސްޓްރީގެ އުސޫލުގައި ބުނާގޮތުން މި އެލަވެންސް ދެމުންގެންދަނީ ކޮވިޑާއި ގުޅުން ހުރި މަސައްކަތްތައް ކުރާ މީހުންނަށެވެ. އެގޮތުން ހުޅުމާލޭގައި ތިބި ނަރުހުންނަށް ވެސް ކޮވިޑް އެލަވަންސް ލިބޭނެ ކަމަށް މެނޭޖްމެންޓުން ވަނީ އަންގާފައެވެ. ނަމަވެސް ފަހުން އުސޫލުތައް ހާމަކުރި އިރު އެ މުވައްޒަފުން ރިސްކް އެލަވެންސް ލިބޭ މީހުންގެ ތެރެއަކު ނުހިމެނެއެވެ. ނަރުހުން ވަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ވެސް ބުނެފައެވެ. މިހާތަނަށް އެލަވަންސް ދީފައިވަނީ ހަމައެކަނި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރި ނަރުހުންނަށް އެކަންޏެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ ބައެއް ޑޮކުޓަރުންނަށް ވެސް އެލަވަންސް ދީފައިވީ ނަމަވެސް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހުންނަށް އެލަވަންސް ލިބިފައެއް ނުވެއެވެ.

ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ހައިރިސްކް، ފަރާތްތަކަށް މަސައްކަތްކުރާ ކޮންމެ ދުވަހަކަށް، 500ރ. ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250ރ. އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200ރ. ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން