އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރައީސުލްޖުމްހޫރިއްޔާއާއި ދެކޮޅަށް ހިމޭން ބަޣާވާތެއް ކުރައްވަން މަސައްކަތް ކުރައްވާކަމަށް ތުހުމަތުކޮށް އޭނާ މަޤާމުން ވަކިކޮށް ފިޔަވަޅު އެޅުމަށް އެޕާޓީގެ ފިޔަވަޅު އަޅާކޮމިޓީގެ ނައިބް މުޤައްރިރު ޝުޢައިބް އަލީ (ފުރަހަނި ޝުއަބް) ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފިއެވެ.

ޝުޢައިބް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް އެޑްރެސްކުރައްވައި މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން ކަނޑައެޅި ރިޔާސީކެންޑިޓޭޑް، އިބްރާހީމް މުޙައްމަދު ސޯލިޙު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވަނިކޮށް ޕާޓީގެ އަސާސީ ޤަވާއިދުގެ 75 ވަނަ މާއްދާއަށް އަމަލު ނުކޮށް އެމާއްދާ ބަލައިނުގަނެ އެމްޑީޕީއަށް ނިސްބަތްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙާއި ދެކޮޅަށް ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ހިމޭން ބަޣާވާތެއް ކުރައްވަމުންދާ ކަމަށެވެ.

އެމްޑީޕީގެ އެންމެ އިސް މަޤާމަކީ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަމަށް ޗެއާޕަރސަން ހަސަން ލަތީފު އެ ސިޓީގައި ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި ހަސަން ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ ޒިންމާދާރު މަޤާމެއްގައި ހުންނެވި ބޭފުޅަކު، އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ޕާޓީގެ އެންމެ އިސްފަރާތަކީ އެވަގުތަކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ޕާޓީގެ މެންބަރ ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހިމް މުޙައްމަދު ސޯލިޙުކަމަށް ޤަބޫލުނުކުރައްވާ ހިނދު، އެއީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމޭން ބަޣާވާތެއްކަމުގައި މި ސިޓީގައި ވިދާޅުވެފައި ވެއެވެ.

"މިފަދަ ނުރައްކާތެރި ކޮވިޑްގެ ޙާލަތާއި އަދި ސަރުކާރާ ރައީސުލް ޖުމްހޫރިއްޔާއާއިމެދު ދޮގު ވާހަކަތަށް ފަތުރަމުންދާ ވަގުތެއްގައި ޕާޓީގެ އަސާސީ ޤަވާއިދުގެ 75 ވަނަ މާއްދާގައި މުތުލަޤަށް ބަޔާންކުރާ ޕާޓީގެ އިސްލީޑަރު ނަފީކޮށް، އެހެން މާއްދާއަކަށް ރިޔާއަތްކޮށް ޕާޓީގެ އިސްލީޑަރުގެ ނަފްސު އޮޅުވާލެއްވުމުން ޗެއަރޕާސަން ހަސަން ލަތީފް މިހާރުން މިހާރަށް މަޤާމުން ދުރުކޮށް ފިޔަވަޅު އަޅާ ކޮމިޓީގެ ނާއިބު މުޤައްރިރުގެ ޙައިސިއްޔަތުން އިޚްލާސްތެރި ކަމާއިއެކު މަނިކުފާނަށް ދަންނަވަމެވެ." ޝުޢައިބް ގެ ސިޓީގައި ވެއެވެ.

އިރެއްގައި ކިތަންމެ އިޚްލާސްތެރި މީހެއްކަމުގައިވިޔަސް އިންސާނުންނަކީ ޙާލަތާއި ވަގުތާއި ގުޅޭގޮތުން ނިޔަތް ބަދަލުވާބަޔެއްކަން އެނގޭހިނދު މިފަދަ ޣައްދާރު ޢަމަލުތަކުން ސަލާމަތްވެ، އެމްޑީޕީ ގެ ކޮންގްރެސްއިން ފާސްކޮށްފައިވާ އަސާސީ ޤަވާއިދުގައި ބުނެފައިވާ މާއްދާތަކަށް ފުރިހަމައަށް ތަބާވެގެން މެނުވީ 2023 ގައި އެމްޑީޕީއަށް ކުރިމަގު ލިބޭނެކަމަށް ޤަބޫލް ނުކުރައްވާކަމުގައި ޝުޢައިބް ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 75 ވަނަ މާއްދާހެ (ހ) ގައި ބުނެފައިވަނީ "ޕާޓީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފަރާތަކީ އޭނާއެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސްއެވެ." މިފަދައިންނެވެ.

އަސާސީ ޤަވާއިދުގެ 75 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ "މިމާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަށްފަހު، އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ ދެން އެންމެ އިސް ފަރާތަކީ، އޭނާއެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ ދެވަނައަށް އެންމެ އިސްފަރާތަކީ ޕާޓީގެ ނާއިބު ރައީސްއެވެ." މިހެންނެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ނައީމް

20-Sep-2020

100


4

ާބަގު

17-Sep-2020

ޜަގަލު ވާހަކަަައެއް


10

މުޙައްމަދު އިބުރާހީމު

15-Sep-2020

ޝުޢައިބް ގެ އެސިޓީއައް އަޅުގަނޑު ފުރިހަމަޔައް ތާޢީދުކުރަން



ޓްރެންޑިން