މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ދައްކަންޖެހޭ ފީއެއް އޮތްކަމަށްބުނެ ސްކޭމް އެސްއެމްއެސްއެއް ފޮނުވަމުން ގެންދާތީ އެކަމަށް ސަމާލުވާން އެދިއްޖެއެވެ.

މި ދުވަސްވަރު ބައެއް ފަރާތްތަކުގެ ފޯނަށް ފޮނުވާ ސްކޭމް މެސެޖެއްގައި ބުނެފައި އޮންނަނީ، އޯޑަރުކޮށްފައިވާ އެއްޗަކަށް ދައްކަންޖެހޭ ކަސްޓަމްސް ފީއެއް ނުދައްކާ އޮތުމުން އެ ތަކެތި ޑެލިވަރީ ނުކުރެވި އޮތްކަމަށާއި ޑެލިވަރީ ކުރުމަށް ފީތައް ދެއްކުމަށް ލިންކަކަށް ފިތުމަށެވެ.

އެ މެސެޖުތައް ފޮނުވަމުން ގެންދަނީ މޯލްޑިވްސް ޕޯސްޓްގެ ނަމުގައެވެ.

މި މެސެޖުތަކާ ގުޅިގެން ކަސްޓަމްސް އިން މިއަދު އެކްސްގައި ބުނެފައިވަނީ، ކަސްޓަމްސްގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް ލިންކަކާ އެކު އެސްއެމްއެސްއެއް ނުފޮނުވާނެކަމަށެވެ. އެހެންކަމުން އެގޮތަށް ފޮނުވާ ލިންކްތަކަށް ސަމާލުވުމަށާއި އެ ލިންކްތަކަށް ނުފިތުމަށް ކަސްޓަމްސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ސްކޭމް މެސެޖުތައް ފޮނުވާ ފަރާތްތަކުން އާންމުކޮށް އެކަން ކުރަނީ އެ ދުވަސްވަރެއްގައި ރާއްޖޭގައި ހިނގާ މުހިންމު ކަންކަމާ ގުޅުވައިގެނެވެ. އެގޮތުން ޕޯސްޓް އޮފީހުގެ ނަމުގައި މެސެޖުތަކެއް ދައުރުކުރަން ފަށާފައި މިވަނީ އީދު ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ޕެކޭޖުތައް ލިބި އެތަކެތި މުއްދަތުގައި ޑެލިވަރީކުރަން ޕޯސްޓް އޮފީހަށް ދަތިވެގެންދިޔަ ދުވަސްވަރާ ދިމާކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން