ރިޔާސީ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުން-
ރިޔާސީ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުން-
މާލޭގެ އިމާރާތަކުން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ގަސްދުގައި ވައްޓާލީކަމަށް ނުވަތަ އަމިއްލަ އިހްތިޔާރުގައި ފުންމާލީކަމަށް ކަނޑައެޅެން ނެތް ކަމަށް މި މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލި ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

އެޕްރިލް މަހު 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ބުނީ ޔުމްނު ވެއްޓުނު ސީދާ ވަގުތު ކަނޑައެޅުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، އެހެންނަމަވެސް ވެއްޓުނު ވަގުތުގެ ސީސީޓީވީ ފުޓޭޖް އެ ފަންގިފިލާގައި ކެމެރާ ނެތުމުގެ ސަބަބުން ލިބެން ނެތް ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ ގޮތުން ޔުމްނުގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ޔުމްނު ވެއްޓުމުގެ ކުރިން އޭނާއާއެކު އުޅުނީ ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު ކަމަށާއި، ކޮމިޝަނަށް ބަޔާން ދެމުން އެ ރޭ ހިނގި ކަންތައް ހަނދާނުގައި ނެތް ކަމަށް ރައުދު ބުނެފައިވާ ކަމަށެވެ. ސީސީޓީވީ އާއި ރައުދުގެ ބަޔާނުގެ މައްޗަށް ބަލައި، ކޮމިޝަނުން ބުނީ ސިޑި ގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކަނޑައެޅެން ނެތް ކަމަށެވެ.

ކޮމިޝަނުން ބުނީ ރައުދާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އެ ރޭ ހިނގާފައިނެތް ކަމަށާއި ޔުމްނު ވެއްޓުނު ގޭގެ ނުވަވަނަ ފަންގިފިލާއަށް އެރީ ވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައިކަން ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށެވެ.

އަދި ޔުމްނު ވެއްޓުނު ގެއަށް އޭނާ ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމުން، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް އޭނާ ގެންދިޔަކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމިޝަނުން ބުނީ ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށް، އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަން ވެސް ތަހުގީގުން އެނގޭ ކަމަށެވެ.

އަދި ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށާއި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މިކަންކަމަށް ރިޔާއަތްކޮށް ކޮމިޝަނުން ބުނީ ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް އެ ކޮމިޝަނަށް ފެންނަ ކަމަށެވެ.

ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބުނީ ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭ ކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ. އެހެންކަމުން ޔުމްނު އަމިއްލަ އިހްތިޔާރުގައި ފުންމާލީ ކަމަށް ކަނޑައެޅެން ނެތް ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން ޔުމްނު ހ. ފެންޓެނޯއީ ނުވަވަނަ ފަންގިފިލައިގެ ކުޑަދޮރުން ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވެއެވެ. އަދި މިކަމުގައި އެހެންް މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށާއި، ރައުދު ގަސްދުގައި ޔުމްނު ފުރާޅުމައްޗަށް ވައްޓާލިކަމަށް ވެސް ނުފެންނަ ކަމަށް ރިޕޯޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން