މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން އެއް ސްކޫލެއްގައި ހުރެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް ކަނޑައަޅައި ޕްރިންސިޕަލުންގެ ވަޒީފާ އަދާކުރާ އުސޫލު އާންމުކުރުމާއެކު ގިނަ ބައެެއްގެ ކަންބޮޑުވުންތަކެއް ހުރުމުން އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ނާއިބް ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައަކީ އެތައް ކިޔަވާ ކުދިންނަކާއި ގުޅިފައިވާ ސީރިއަސް މައްސަލައެއް ކަމަށެވެ. އެޑިއުކޭޝަން ސިސްޓަމް ބިނާކުރި ޕްރިންސިޕަލުން މުޅިން މާޔޫސްވެފައިވާކަން ފާހަގަކުރައްވައި އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. 

"މަޖިލީހުގެ ރައީސް، މުހަންމަދު ނަޝީދު މިކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އުއްމީދުކުރަން." ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލަށް ޕްރިންސިޕަލުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެ އުސޫލަށް އަމަލު ނުކުރުމަށް ގޮވާލާފައެވެ. އުސޫލަށް އަމަލު ކުރަން ފަށައިފިނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށާއި، މިއީ ދިވެހި ޕްރިންސިޕަލުން ވަޒީފާ ދޫކޮށް ހިނގައިދާނެ ބަދަލެއް ކަމަށް ޕްރިންސިޕަލުން ވަނީ ވިދާޅުވެފައެވެ.

އެއް ސުކޫލުން އަނެއް ސުކޫލަށް ޕްރިންސިޕަލަކު ބަދަލު ކުރަން ވާނީ އެ މީހެއްގެ ރުހުމުގައި ކަމަށް ޕްރިންސިޕަލުން ވިދާޅުވެއެވެ. އާއުސޫލުގެ ސަބަބުން ޕްރިންސިޕަލުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ. ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން އަލަށް ތަޢާރަފްކުރި އުސޫލުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށްބުނެ އިދކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަރުކާރުން އަލަށް ތަޢާރަފްކުރި މި އުސޫލުގެ ސަބަބުން ޕްރިންސިޕަލުންގެ ވަޒީފާގެ ބިރުވެރިކަން ބޮޑުވެ، ތަޢުލީމީ ދާއިރާ ކުރިއެރުމުގެ ބަދަލުގައި އިތުރަށް ހީނަރުވެ، ސްކޫލްތަކުގެ ހިންގުން އިތުރަށް ބޮއްސުންލައިގެން ގޮސްދާނެ ކަމަށްޓަކައި، ދިވެހި ޕްރިންސިޕަލުންގެ ވަޒީފާގެ ހައްޤުތައް ރައްކާތެރިކޮށް އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، މި އުސޫލު ތަންފީޒު ނުކުރުމަށް ސަރުކާރަށް އެކޯލިޝަނުން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން