އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ އެ ކޯޓުން އަލުން ބަލަންޖެހޭ ކަމަށް ވިދާޅުވެ އިސްތިއުނާފް ކުރި މައްސަލަ އާއި ދައުލަތާއި އެއްކޮޅަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން ކުރި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ބާތިލްކޮށްފައެވެ. ކްރިމިނަލް ކޯޓުން އެގޮތަށް ނިއްމީ އަދީބާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތުން ހެދީ ގޯސްކޮށް ކަމަށް ކަނޑައެޅުމަށްފަހުއެވެ. އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި އެމައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ކުރިއަށް ގެެންގޮސްފައެވެ.

މިއަދުގެ އަޑުއެހުމުގައި އަހުމަދު އަދީބު ވިދާޅުވީ، އެ މައްސަލައިގައި އޭނާގެ ފަރާތުން ދެއްވާނެ ރައްދެއް ނެތް ކަމަށާއި އެއީ މައުޟޫއީ ގޮތުން ދަށު ކްރިމިނަލް ކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލު ކުރަނީ މިއީ މައުޟޫއީ ގޮތުން ބަލައި ނިންމަންޖެހޭ މައްސަލައެއް. އެއީ އަޅުގަނޑު އެދޭ ގޮތަކީ." އަދީބު ވިދާޅުވި އެވެ.

އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިިކުރެއްވީ މަޖުބޫރު ކޮށްގެން ކަމަށް ކޯޓުން ކަނޑައެޅި ނަމަވެސް އެފަދަ އެއްވެސް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައި ނުވާ ކަމަށް ވިދާޅުވެ އެ ވާހަކަތައް އަދީބު ވަނީ ޝަރީއަތުގައި ދޮގުކުރައްވާފައެވެ. ތަހުގީގަށް އެއްބާރުލުން ދޭން އިސްވެ ހުށަހެޅުއްވީ ވެސް އަމިއްލައަށް ކަމަށާއި މިހާރު ވެސް ހުންނެވީ އެގޮތުގައި ކަމަށް އަދީބު ފާހަގަކުރެއްވިއެވެ. އެ ނޫން ގޮތަކަށް ދޭހަވާ ފަދައަކުން ވާހަކަ ދެއްކެވިފައިވާ ނަމަ އެ ވާހަކަތައް ގެންނަން ބޭނުންވާކަން އަދީބު ހާމަކުރެއްވިއެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީން ގެއްލުނު ފައިސާ ދައުލަތަށް އަބުރާ ހޯދަންޖެހޭ ކަމަށާއި، އެކަމުގައި ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"މިކަމުގައި އިންސާފު ގާއިމު ކުރަންޖެހޭ. މަންފާ ލިބުނު އެތައް ބަޔަކު އެބަ ތިބި. އަޅުގަނޑު މިހާރު މިދަނީ އެއްބާރުލުން ދެމުން." އަދީބު ވިދާޅުވި އެވެ.

ހައިކޯޓުގައި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ކުށަށް އިއުތިރާފު ވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމާ ބެހޭގޮތުން އަދީބާ އެކު ދައުލަތުން އެއްބަސްވުން ނެހެދޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށާއި އެފަދަ އެއްބަސްވުންތައް ހެދިދާނެ ކަމަށެވެ. އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ ބާރު ގާނޫނުން ލިބިދޭއިރު، އެ އެއްބަސްވުމާ ހަމައަށް ވާސިލްވުމަށްޓަކައި ތަހުގީގަށް އެއްބާރުލުން ދޭން އިތުރު އެއްބަސްވުމެއް ހެދުން މަނާކުރާ ގާނޫނީ ހަމައެއް ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާއެއް ކަމަށް ވުމުގެ އިތުރުން، ގައިދީންނަށް ވަކީލުންނާއި ބޭސްފަރުވާގެ ކަންކަން ބަލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކޯޓުތަކުން އަންގަމުންދާ ދިއުމަކީ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަން ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާ އޮންނާނެ ކަމުގެ ދަލީލެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެހެންވެ، އަދީބަށް ބޭސްފަރުވާ ދޭން ޝަރުތުުކޮށް އެއްބަސްވުން ހެދުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ނޯންނާނެ ކަމަށް ބުނާ ބުނުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މީގެ އިތުރުން ޖިނާއީ އިޖްރާއަތު ގާނޫނުގައި ބަޔާން ކުރާ ދައުވާ ކުރުމުގެ މުއްދަތު އެ މައްސަލަތަކުގައި ހަމަވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމިިޔަސް، އެ މުއްދަތު ހަމަވުމުގެ ކުރިން އެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ދައުލަތުން ހައިކޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދީބުގެ އިއުތިރާފު އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ނިންމިޔަސް، އަދީބާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަށް ފުރުސަތު ދޭން ޖެހޭނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެކަމަކު އެ ފުރުސަތު ދަށު ކޯޓުން ދީފައި ނުވާ ކަމަށް ދައުލަތުން ހައިކޯޓުގައި ފާހަގަކުރެއްވިއެވެ. އަދި އެ ހާލަތުގައި އިއުތިރާފު އަނބުރާ ގެންދިއުމުގެ ފުރުސަތާއި ތަހުގީގު އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ވެސް ދޭންޖެހޭއިރު އެ ފުރުސަތު ދީފައި ނެތް ކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު މިމައްސަލައިގެ އަޑުއެހުންތައް ނިއްމާލިކަން ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރެއްވިއެވެ. އިތުރު ކަމެއް ސާފު ކުރަން ނުޖެހޭނަމަ ދެން އޮންނަ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ހުކުމް އިއްވުމެވެ. މައްސަލައިގެ އިސްތިއުނާފު ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން