ހުޅުމާލޭގައި ގާއިމު ކުރި ކޮވިޑް ފެސިލިޓީ؛ މިތަނުގެ ގިނަ މަސައްކަތްތައް ކުރީ އެމްއެންޑީއެފްގެ ބޭކަލުން
ހުޅުމާލޭގައި ގާއިމު ކުރި ކޮވިޑް ފެސިލިޓީ؛ މިތަނުގެ ގިނަ މަސައްކަތްތައް ކުރީ އެމްއެންޑީއެފްގެ ބޭކަލުން
ކޯވިޑް-19ގައި މާލޭގައި ޙާލުގައި ޖެހުނު ފަރާތްތަކުގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދީފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށް ވުރެ ބޮޑު އަގުގައި ކަމަށާއި، އެފައިސާ ދައުލަތަށް އަނބުރާ ހޯދައި ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މިއަދު އަންގަވައިފިއެވެ.

އޮޑިޓާ ޖެނެރަލްެގ އޮފީހުން އެކުލަވާލި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ޙާލުގައި ޖެހުނު ފަރާތްތަކުގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދީފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށް ވުރެ ބޮޑު އަގުގައި ކަމަށާއި، އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށް ވުރެ އެތައް ގުނައެއް ބޮޑު އަގުގައި ކަން ފާހަގަކުރެވޭ ކަމަށެވެ.

އޮޑިޓުގައި ބުނެފައި ވަނީ މީގެތެރެއިން ބައެއް ތަކެތި އެންޑީއެމްއޭ އިން ގަނެފައިވާއިރު ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއްގައި ގަނެފައިވާ ކަމަށެވެ. އެގޮތުން ހަނޑޫ ވެސް ފަސް ރުފިޔާއިން ފެށިގެން 8 ރުފިޔާއާ ހަމައަށް ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އެގޮތުން ހަކުރު ކިލޯއެއް 5.30 ލާރިން ފެށިގެން 16 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ގަނެފައިވާއިރު ހަމަ އެގޮތަށް ފުށްވެސް 8 ރުފިޔާ އަދި އެއަށްވުރެ އަގުބޮޑުކޮަށް ގަނެފައިހުރި ކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީން ގަނެފައިވާއިރު، އޭގެތެރެއިން ބައެއް ތަކެތި ގަނެފައި ވަނީ އެތަކެތި އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން ވަޅޯމަސް ކިލޯއެއް ބާޒާރުގައި 140 ރުފިޔާގައި ހުރިއިރު އެންޑީއެމްއޭ އިން ވަޅޯމަސް ކިލޯއެއް 200 ރުފިޔާއަށް ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. 720 ރުފިޔާ އަށް މަސްދަޅު ކޭހެއް ލިބެން ހުންނައިރު 1،040 ރުފިޔާ އަށް މަސްދަޅު ކޭހެއް ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

2.5 ކިލޯގެ މިލްކު ޕައުޑަރު ބާޒާރުގައި 1،560 އަށް ހުރިއިރު އެންޑީއެމްއޭ އިން މިލްކު ޕައުޑަރު 2،371 ރުފިޔާ އަށް ގަނެފައިވާ ކަން އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވަނީ ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ތަކެތި ގަތް ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި އެ ފައިސާ އަނބުރާ ހޯދުމަށް އަންގަވާފައެވެ. މީގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުންމާލެ ސަރަހައްދުން އެކޮމޮޑޭޝަނަށް ހަމަޖެއްސި ގެސްޓްހައުސްތަކާއި އެކުު އެއްބަސްވުމެއް ހަދާފައި ނެތް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އެއްބަސްވުމެއްނެތި 34 ގެސްޓް ހައުސްއެއްގައި މީހުން ބޭތިއްބުމަށް 16،737،338 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ގެސްޓްހައުސްތަކުގައި ތިބި މީހުންގެ މައުލޫމާތުު ކަށަވަރު ނުކޮށް ބިލުތަކަށް ފައިސާ ދައްކާފައިވާއިރު އެއްބަސްވެފައިވާ ރޭޓަށް ވުރެ އިތުރަށް އެކަމަޑޭޝަންގެ ގޮތުގައި ރިސޯޓަކަށް ފައިސާ ދައްކާފައިވާ މައްސަލައެއްވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

ފެސިލިޓީތަކަށް ނަގާ ރިސޯޓްތަކަށް ކޮންމެ ކޮޓަރިއަކަށް ސަރުކާރުން ދުވާލަކު ހަރަދުކުރަނީ 750 ރުފިޔާ ނަމަވެސް އެއް ރިސޯޓަަކަށް ދުވާލަކަށް 840 ރުފިޔާގެ މަގުން ބިލްކޮށްފައިވާއިރު އެ ރިސޯޓަށް 206،280 ރުފިޔާ އިތުރަށް ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ފެސިލިޓީ ތަކަށްު ކެއުންު ފޯރުކޮށް ދިނުމަށްުު ކުރި ޚަރަދުތަކުގައިވެސް ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އެކި ފެސިލިޓީތަކަށް ކެއުން ފޯރުކޮށްދިނުމަށް 17،125،268 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ތަކެތީގެ ސްޓޮކް ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވާ މައްސަލަތަކެއްވެސް އޮޑިޓަރު ޖެނެރަލްގެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އޯޑަރުު ކުރި ތަކެތި ލިބުނުކަން ކަށަވަރު ނުކޮށް ތަކެތި ލިބުނު ކަމަށް ސިސްޓަމުގައި ރެކޯޑްކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއަށް އޯޑަރުކޮށްފައިވާ 22،437،177 ރުފިޔާގެ ތަކެތި ނުލިބެނީސް އެ ތަކެތި ޕަބްލިކް އެކައުންޓިން ސިސްޓަމުގައި ރިކޯޑްކޮށްފައިވާ މައްސަލަ ވެސް އޮޑިޓް ރިޕޯޓުގައި ފެންމަތިކޮށްފައިވެއެވެ. އެގޮތަށް އަމަލުކޮށްފައިވަނީ މިތަކެއްޗަށް އެޑްވާންސްކޮށް ފައިސާ ހޯދުމަށް އެސްޓީއޯއިން ފޮނުވާފައިވާ ސިޓީއަކީ އިންވޮއިސް ކަމަށް ބަލައި ސިސްޓަމްގައި އެގޮތަށް ރިކޯޑުކޮށް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި ހަރުމުދަލުގެ ރެކޯޑުތައް ބަލަހައްޓާފައި ނުވާ މައްސަލަވެސް އެންޑީއެމްއޭގެ އޮޑިޓްގައި ހިމަނާފައިވެއެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ހަރަދުކުރުމަށް 957،419،164 ރުފިޔާ ވަނީ ލިބިފައެވެ. އެއީ ދައުލަތުގެ ބަޖެޓުންު ލިބުނުު 873،362،767 ރުފިޔާ އާއި ދައުލަތުގެ ބަޖެޓުން ޓްރަސްޓް ފަންޑަށް ލިބުނުު 84،056،396 ރުފިޔާއެވެ. އޮޑިޓް ކުރުމާ ހަމަައަށް އެ އޮތޯރިޓީން ހަރަދުކޮށްފައިވަނީ 234،880،071 ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ތިމަންނަ

17-Sep-2020

މިއީ ދިވެހި ރާއްޖެ ތަ ނުވަތަ ވަގުންގެ ރާއްޖެތަ?



ޓްރެންޑިން