ޕްރިންސިޕަލުންގެ ބައްދަލުވުމެއްގެ ތެރެއިން
ޕްރިންސިޕަލުންގެ ބައްދަލުވުމެއްގެ ތެރެއިން
ޕްރިންސިޕަލުންނާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ގަވާއިދަކީ ޕްރިންސިޕަލުންގެ ޙައްޤުތަކާއި ވަޒީފާގެ ރައްކާތެރިކަން ގެއްލޭ ގަވާޢިދެއް ކަމަށް ބުނެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއަކުން، އެ މައްސަލަ މަޖިލީހަށް މިއަދު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރެވެ. ގިނަ ދުވަސްތަކެއް ވަންދެން ޓީޗަރުކަމާއި ހެޑްމާސްޓަރުކަމާއި ޕްރިންސިޕަލްކަމުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި، އާދަމް ޝަރީފު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މަޖުބޫރުން އެއްވެސް މީހަކު ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި އުފައްދާ "ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލް ކަނޑައަޅާ ކޮމިޓީ" އިން ޕްރިންސިޕަލުން މަސައްކަތް ކުރާ ސްކޫލް ކަނޑައަޅާ ގޮތަށް އޮތުމަކީ ޤާނޫނު އަސާސީގެ 25 ވަނަ މާއްދާގެ ރޫޙާ ޚިލާފު ކަމެއް ކަމަށެެވެ.



އަދި އެއީ ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށް ބުނެފައިވާ ބުނުމާއި ތަޢާރުޟުވާ ކަމެއް ކަމަށް އާދަމް ޝަރީފް ފާހަގަކުރައްވާފައިވެއެވެ. ވަޒީފާއާ ބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގެ 7 ވަނަ ނަމްބަރުގައި ވަޒީފާ އަދާކުރަންޖެހޭ ތަން، ވަޒީފާ ބަޔާނުގައި އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު އަދި ސިވިލް ސަރވިސްގެ މުވައްޒަފުން ހޯދުމަށް ކުރާ އިޢުލާނުގައި އޭނާ ވަޒީފާ އަދާކުރަންޖެހޭތަން ބަޔާންކުރަންޖެހޭއިރު، އަލަށް އެކުލަވައިލި އުޞޫލުގައި ވާގޮތުން، ޕްރިންސިޕަލުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ތަނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އައްޔަންކުރާ ކޮމިޓީއަކުން ކަނޑައަޅާ ސްކޫލެއްގައި ކަމަށް ހަމަޖެއްސުމަކީ ވަޒީފާއާ ބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ތަޢާރުޟުވާ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކޮމިޓީން ބުނާ ތަނެއްގައި މަސައްކަތް ކުރަންޖެހުމަކީ ވަޒީފާއާބެހޭ ޤާނޫނާ ތަޢާރަޒުވާ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ސިވިލް ސާރވިސްގެ ޤާނޫނުގައި ނުވަތަ ސިވިލް ސާރވިސްގެ ގަވާއިދުގައި ބަޔާން ކުރެވިފައިނުވާ ހަމަތަކެއްގެ މައްޗަށް ބިނާކޮށް ސިޔާސީ އުޞޫލެއް ތަންފީޒުކުރާނަމަ އެވާނީ ޣައިރު ދުސްތޫރީ ނުވަތަ ޣައިރުޤާނޫނީ އަދި ޢަދުލުވެރިކަމާއި ހަމަހަމަކަން ގެއްލިފައިވާ ފިޔަވަޅަކަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ޕްރިންސިޕަލުންގެ މައްޗަށް ތަންފީޒްކުރާ މި އުޞޫލުގެ ސަބަބުން ޤާބިލު އަދި ތަޖުރިބާ ލިބިފައިވާ ޕްރިންސިޕަލުން ތަޢުލީމީ ދާއިރާ ދޫކޮށްލަފާނެކަމުގެ ބިރުވެރިކަން އުފެދި، ސްކޫލްތަކަށް ޤާބިލު ޕްރިންސިޕަލުން ލިބުން ދަތިވެ، ސްކޫލްތަކުގެ ހިންގުން ހީނަރުވެ، ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރާނެ ކަަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މި އުޞޫލަށް ޢަމަލުކުރަން ފެށުމާއެކު "ޤާބިލު ޕްރިންސިޕަލުންނަށް ވަޒީފާގެ ރައްކާތެރިކަން މިވަނީ ގެއްލިފައި" ކަމަށް ވެސް އާދަމް ޝަރީފު  ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

"ވީމާ، އިސްވެ ބަޔާން ކުރެވުނު ސަބަބުތަކަށްޓަކައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިހާރު އަމަލުކުރަން ފަށާފައިވާ "ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުޞޫލު"ގައި ހުރި ކަމަށް ފާހަގަކުރެވޭ ޤާނޫނީ، އިޖުރާޢީ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބެއްލެވޭނެ ގޮތެއް ހައްދަވައިދެއްވުން އެދި ދެންނެވީމެވެ." އާދަމް ޝަރީފް މަޖިލީހަށް ފޮނުއްވި ސިޓީގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން