ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން ސަރުކާރުން ކޮށްފައިވާ ހަރަދުތައް އޮޑިޓްކޮށް އާންމު ކުރަން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ކޮރަޕްޝަނާއި ހިޔާނާތާއި ވައްކަމާ ދެކޮޅު ވުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއާއި އާސަންދައާއި އެންސްޕާގެ އިތުރުން އިއްޔެ އާންމު ކުރި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އޮޑިޓް ރިޕޯޓްތަކުން ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ގޮތަށް ދައުލަތުގެ ފައިސާ އިން ބޭކާރު ބޮޑެތި އިސްރާފުތަކެއް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

މިކަމަށް އިޝާރާތް ކުރައްވައި ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން ކުރާ ހަރަދުތައް ކޮންމެ ތިން މަހަކުން އެއް ފަހަރު އޮޑިޓްކޮށް އެ އޮޑިޓް އާންމުކުރާ ގޮތަށް ހުށަހެޅީ އެމްޑީޕީން ކަމަށެވެ. އަދި އެމްޑީޕީގެ 65 މެންބަރުންގެ މެޖޯރިޓީ އޮތް މަޖިލީހަކުން އެ ގޮތަށް ފާސްކުރީ ވައްކަން ކުރާނަމަ ވައްކަން ކުރާ ބަޔަކު ހޯދަން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.



"މިއީ ޕީޕީއެމްއާއި ޕީއެންސީ އިން ބުނެގެން ކުރި އޮޑިޓެއް ނޫން. އެމްޑީޕީން ވައްކަން ކުރަން ބޭނުން ނަމަ އެ ގޮތަށް ފާހެއް ނުކުރާނެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވައްކަމާ ދެކޮޅު. އޮޑިޓަ ޖެނެރަލްގެ އޮފީސް މިއަދު މިނިވަން." ރޮޒައިނާގެ ޓްވީޓްގައި ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ހަރަދުތައް އޮޑިޓްކޮށް އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ އަގު ކޮންޓްރޯލް ކޮށްފައިވާ ކާބޯތަކެތި ވެސް ގަނެފައިވަނީ އެއަށް ވުރެ ބޮޑެތި އަގުތަކުގައި ކަމަށެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު ތަކެތި ވެސް އެ އިދާރާއާ ހަވާލުކުރި ފަހުން ވީނުވީއެއް ނޭނގޭ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން، ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ ކުންފުންޏަކަށް ހަވާލުކުރުމުގައި ވެސް މާލިއްޔަތު ގަވާއިދާ ހިލާފު، ކޮރަޕްޝަން ކަމަށް ބެލެވޭ އެތައް ކަމެއް ވަނީ ފެންމަތިކޮށްފައެވެ. އޮޑިޓް ގާނޫނުގެ ދަށުން އާންމު ގޮތެއްގައި އޮޑިޓަ ޖެނެރަލް ކުރާ އޮޑިޓް އިތުރުކޮށް، ކޮވިޑް-19 ގެ ހާލަތު އޮންނައިރު ކޮވިޑާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ކޮންމެ ކުއާޓަރެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ މާލީ ރިޕޯޓްތަކުގެ ފައިނޭންޝަލް އޮޑިޓެއް ހަދަން އޮޑިޓަ ޖެނެރަލަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަޒިމް

17-Sep-2020

ޔާމީނުގެ ގެއަށް ހައްގުނޫން ފައިސާ ވަދެފައިވާކަމަށް ޔާމީނު ހާމަކުރީ އަމިއްލަ އަށް! މީހަކު ބުނެގެނެއްނޫން! އެ މައްސަލަ ބަލަންފެށީ އޭނާގެ ވެރިކަމުގަ!



ޓްރެންޑިން