ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީ
ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީ
ކޮވިޑް-19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި ހުޅުމާލޭގައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް އަމިއްލަ މީހެއްގެ ބިމެއްގައި ހުއްޓަސް ދައުލަތަށް ގެއްލުން ނުވާނެ ކަމަށާއި، އެއްބަސްވުން އާކުރެވޭނެ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ކޮވިޑް19ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް، އަމިއްލަ މީހެއްގެ ބިމުގައި ގާއިމުކޮށްފައިވާ ފެސިލިޓީގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޮޑިޓު ރިޕޯޓުގައި އެ ފެސިލިޓީއާ ގުޅިގެން ބަޔާންކޮށްފައި ހުރި މައުލޫމާތުތަކާ ދޭތެރޭ ހިތާމަ ކުރައްވާ ކަމަށާއި، އެ ފެސިލިޓީ ގާއިމުކުރެވިފައި ނެތް ނަމަ، ކޮވިޑް ޖެހޭ މީހުން މަގުމަތިވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް ފެސިލިޓީ އަމިއްލަ މީހެއްގެ ބިމުގައި ހެދި ފަސް ސަބަބެއް ހިސާން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އެ ބިމަކީ ޖާގައިގެ ގޮތުން ފެސިލިޓީއެއް ގާއިމު ކުރަން އެންމެ އެކަށީގެންވާ ތަނަށް ވުމާއި، ކޮވިޑަށް ފަރުވާދިނުމަށް ފެސިލިޓީއެއްގެ ފުރަތަމަ ހަމަޖެއްސި ޓްރީޓޮޕް ހޮސްޕިޓަލާ އިންވެގެން ހުރި ތަނަކަށް އެތަން ވުމުގެ އިތުރުން އިމާރާތުގެ ބޮޑު ބައެއް ނިމިފައި ހުރުމުގެ ސަބަބުން އަލުން އާ އިމާރާތެއް ހަދައިގެން އަވަސް މުއްދަތެއްގައި ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ލޮޖިސްޓިކްސް އާއި އެހެނިހެން ގޮތްގޮތުން ވެސް ހަރަދު ކުޑަވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

"ފެސިލީޓީ ގާއިމުކުރާނެ ތަންތަން ހޯދަމުން ދިޔައިރު، އެކިތަންތަން ބެލުނު. ޓްރީޓޮޕް ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި އެ ފެސިލިޓީ އެޅުމަށް ނިންމާ ހެޗްޑީސީ އާއި އެކު 3 މަހުގެ އެއްބަސްވުމެއް ހެދުނު." ހިސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްބަސްވުން އާ ކުރެވޭނެ ކަމަށާއި، އެކަމާ ގުޅޭ ގޮތުން އެޗްޑީސިއާއި އެމްސީބީ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެތަނުގެ ސަބަބުން ދައުލަތަށް އެއްވެސް ވަރަކަށް ގެއްލުން ނުވާނެ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާޅެ ފެސިލީޓީ އެޅުމަށް ނިންމި ބިމަށް އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހޭ ކަމަށާއި، އެ އެއްބަސްވުން އޮތީ އެކްސްޓެންޑް ކުރެވޭ ގޮތަށް ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ.

"އިންވެންޓްރީ ވެސް އޮޑިޓް އޮފީހަށް ފޮނުވިން. ފެސިލިޓީތަކުގައި ބޭނުންކުރި އިކުއިޕްމެންޓްސްގެ އިންވެންޓްރީ ނަގާ ބަލަހައްޓަމުންދޭ. އިންވެންޓްރީތައް އޮޑިޓް އޮފީހަށް ހުށަހަޅާފައިވާނެ. ހުޅުމާޅެ ފެސިލީޓީ އެޅުމަށް ނިންމި ބިމަށް އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހޭ. އެ އެއްބަސްވުން އޮތީ އެކްސްޓެންޑް ކުރެވޭ ގޮތަށް. މިކަމުން ދައުލަތަށް އެއްވެސް ގެއްލުމެއް ވާނެ ކަމަށް ނުބެލެވޭ." ހިސާން ވިދާޅުވިއެވެ.

އެ ފެސިލިޓީ އެ ބިމުގައި ގާއިމް ކުރަން ނިންމި ނިންމުމަކީ ނެޝަނަލް ޓާސްކް ފޯހާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި މަޝްވަރާކޮށް ނިންމި ނިންމުމެއް ކަމަށް އޮޑިޓްގައި ބުނެފައިވާ ވާހަކަތައް ހިސާން ދޮގުކުރެއްވިއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާގޮތުގައި މެޑިކަލް ފެސިލިޓީއެއްގެ ގޮތަށް އެތަން ބަދަލުކުރުމަށާއި، އެ ތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި އެހެނިހެން ޚަރަދުތަކަށް، ޖޫން 30، 2020 ގެ ނިޔަލަށް ދައުލަތުން ޖުމުލަ 24،194،156 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އެގޮތުން މެޑިކަލް ފެސިލިޓީ އިމާރާތް ބަދަލުކުރުމަށް 4،687،967 ރުފިޔާ ހަރަދު ކޮށްފައިވާއިރު މެޑިކަލް އިކްއިޕްމަންޓާއި އެހެނިހެން ހަރަދުތަކަށް 19،506،188 ރުފިޔާ ހަރަދު ކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކުން ދޫކޮށްފައިވާ، 4،315،153.75 ޑޮލަރުގެ ލޯނަކަށް ރަހުނު ކޮށްފައިވާ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ހަސީނާ

18-Sep-2020

ޖާބިރުއަށް ފައިސާގަނޑެއް ދޭވެގެން ކުރިކަމެއް.. ހުޅުމާލޭގައި ބިންނެތީ ތޯ ދައުލަތުގެ ބޭނުމަކަށް ބިމެއް ނުލިބިގެން ޖާބިރުގެ ކުލިނުދައްކާ އޮތް ބިމަކަށް ކުލިދައްކާފައި އެތަން އެޅީ.. ކުރީގަ ވެސް މިކޮމެންޓް ލިޔުނީމަ ނޫސްތަކުން ޖަހާނުދިން.. މީ މީހުންވެސް މިތިބެނީ ވިކިފައިވިއްޔާ



ޓްރެންޑިން